ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް އަރާފައިވާތީ އިޓަލީގެ ބޮޑު ބައެއް ފުރަބަންދު (ލޮކްޑައުން) ކުރުމަށް އެގައުމުން ނިންމައިފިއެވެ.

އިއްޔެ އެގައުމުގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގަިއ ބޮޑުވަޒީރު މާރިއޯ ޑްރަގީ ބުނެފައިވަނީ އެގައުމު ފުރަބަންދު ކުރުމަށް ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

ފުރަބަންދު ކުރުމަށް ނިންމާފައިވާ ބައެއް ސިޓީ ތަކުގެ ތެރޭގައި ރޯމް، މިލާން، އަދި ވެނިސް ހިމެނޭ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

މާރިއޯ ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑް-19ގެ އާ ވައްތަރު އެގައުމުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އައިސް، އިތުރު ރާޅެއް އެގައުމަށް އަރާފައިވާތީ ކަމަށެވެ.

ފުރަބަންދު އިއުލާނު ކުރަން ނިންމާފައިވާއިރު، "ރެޑްޒޯން" އިއުލާނު ކޮށްފައިވާ ސަރަހައްދުގައި ދިރުއުޅޭ މީހުންގެ ތެރެއިން ބޭރަށް ދެވޭނީ ހަމަ އެކަނި ސިއްހީ ހިދުމަތްތެރިންނާއި ވަޒީފާ އަދާ ކުރާ ފަރާތްތަކަށެވެ. އަދި ބައެއް ފިހާރަތައްވެސް ބަންދު ވާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

"އޮރެންޖްޒޯން" އިއުލާނު ކުރުމާއި އެކީ އެ ސަރަހައްދެއްގައި އުޅޭ ސިއްހީ ހިދުމަތްތެރިންނާއި ވަޒީފާ އަދާ ކުރާ ފަރާތްތައް ފިޔަވައި އެއްވެސް ބަޔަކަށް އެ އަވަށް ނުވަތަ ސަރަހައްދު ދޫކޮށް ނުދެވޭނެއެވެ. އަދި ރެސްޓޯރެންޓްތަކުން ހަމަ އެކަނ ކުރެވޭނީ ޑެލިވަރީގެ ހިދުމަތެވެ.

އިޓަލީގެ ބޮޑު ބައެއް ފުރަބަންދު ކުރުމަށް ނިންމާފައިވާއިރު، އެގައުމުން ވަނީ އޭޕްރިލް 3 އިން 5 ވަނަ ދުވަހާއި ހަމައަށް މުޅި އިޓަލީ ފުރަބަންދު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ތިން ދުވަހަށް އެގައުމު ފުރަބަންދު ކުރުމަށް ނިންމާފައިވަނީ އެ ދުވަސްތަކަކީ އެއީ ކްރިސްޓިއަން ދީނުގެ ހާއްސަ ދުވަސްތަކެއް އަންނަ ތާރީހު ތަކަކަށް ވާތީއެވެ.