އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ ވަރަށް ތަފާތު ބޭފުޅެކެވެ. އޭނާގެ ކާފަ އާއި ބައްޕަ ފަދައިން ކިމް ޖޮން އުން ވެސް ހިޔާރުކުރީ ވަރަށް އެކަހެރި، ސިއްރު ދިރިއުޅުމެކެވެ. ވެރިކަން ކުރަން ބޭނުންވީ ދުނިޔޭގެ އެހެން ގައުމުތަކުން ބުނާ ގޮތަކަށް ނޫނެވެ. ނަމަވެސް މިހާރު ކިމްގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. އެތައް އަހަރަކުން އުތުރު ކޮރެއާ އިން އުފެއްދި ނިއުކްލިއާ ހަތިޔާރުތައް ނައްތާލަން ވެސް މިހާރު އޭނާ ތައްޔާރެވެ. މަޝްވަރާކޮށް އެހެން ގައުމުތަކުން ބުނާ އެއްޗެއް އަޑުއަހަން މިހާރު ކިމް ވަރަށް ބޮޑު އިސްކަމެއް ވެސް އެބަދެއެވެ.

ކިމް މަޝްވަރާ ކުރަން އިސްކަން ދޭން ފެށީ ކީއްވެތޯ ކުރެވޭ ސުވާލަށް ވަރަށް ގިނަ ތަޖުރިބާކާރުން ވަރަށް ތަފާތު ޖަވާބު ދީފައި ވެއެވެ. ވަރަށް ގިނަ ތިއަރީތައް ވަރަށް ގިނަ މީޑިއާތަކުން އުފައްދާފައި ވެއެވެ. މިގޮތުން އެއް ތިއަރީ އަކީ ކިމް މަޝްވަރާ އަށް އިސްކަން ދިނީ އޭނާގެ ސިއްހީ ހާލަތު މިހާރު ހުރި ގޮތުން މަރުވެދާނެތީއެވެ. މަރުވުމުގެ ކުރިން ގައުމަށް ރަނގަޅު ގޮތެއް ހޯދައިދޭން ކިމް ބޭނުން ވަނީ ކަމަށް މިޚިޔާލު އުފަން ކުރުވި މީހުން ބުނެއެވެ.

އުމުރުން 30 ގެ އަހަރުތައް ގުނަމުން ގެންދާ ކިމް ކެއުމަށް ބޭނުން ކުރާ ސިއްހަތައް ގެއްލުން ހުރި ގިނަ ތަކެތީގެ ސަބަބުންނާއި، އާދަޔާއި ހިލާފަށް ގިނައިން ބަނގުރާ ބުއިމުގެ ސަބަބުން އޭނާ އަށް އެތައް ސިއްހީ މައްސަލައެއް ދިމާވެފައިވާ ކަމަށް ވެއެވެ.

ހަކުރު މައްޗަށް ދިއުމާއި ލޭ މައްޗަށް ދިއުމަކީ ވެސް ކިމް އަށް ދިމާވެފައިވާ މައްސަލަތައް ކަމަށް ވެއެވެ.

ކިމް މަޝްވަރާ އަށް އިސްކަން ދިނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަމާއި އެއްބަސްނުވާ މީހުން ގިނައެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި ކިމް މަރުވި ނަމަވެސް އޭނާގެ އާއިލާ އަށް ވެރިކަމުގެ ބާރުތައް ލިބޭނެ ކަމަށާއި އެހެންކަމުން މަރުވެދާނެތީ މަޝްވަރާ އަށް އިސްކަން ދޭން ނުޖެހޭނެ ކަަމަށެވެ.

އުތުރު ކޮރެއާގެ ގިނަކަންކަން ސިއްރު ވެފައިވާ ފަދައިން ކިމް މަޝްވަރާ އަށް އިސްކަން ދިން ހަޤީޤީ ސަބަބު ވެސް އެގައުމުން ހާމަ ކުރާނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން މަޝްވަރާތަކާއި ގުޅިގެން ދައްކާ ގިނަ ވާހަކަތައް ވެސް ހުންނާނީ މުޅިން ޔަގީން ނުވާ ތޯތޯ ވާހަކަތަކެއްގެ ގޮތުގައެވެ.