ޖަރުމަންވިލާތުންވެސް ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން މެދުކަނޑާލައިފިއެވެ.

އެގައުމުން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން މެދުކަނޑާލާފައިވަނީ އެހެން ގައުމުތަކުން މި ވެކްސިން ޖެހި ބައެއް މީހުންނަށް ލޭގަނޑުވުމުގެ މައްސަލަތައް ދިމާވުމާއި ގުޅިގެންނެވެ. ޖަރުމަންވިލާތުން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން މެދުކަނޑާލާފައިވާއިރު، ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ މި ވެކްސިން ދިނުން ހުއްޓާލާފައެވެ.

ޖަރުމަންވިލާތުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ އެގައުމުގެ ވެކްސިން ރެގިއުލޭޓަރ ޕައުލް އެލްރިޗްގެ އިރުޝާދުތަކަށްވެސް ބަލައި ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެ އިދާރާއިން ވަނީ އެފަދަ ވޭދަނަތައް ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

އެގައުމުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މީގެ ކުރިންވެސް އެގައުމުން ވަނީ 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ނުދޭނެ ކަމަށް ނިންމާފައެވެ. އެއީ އެ ވެކްސިނުން އެދެވޭ ރައްކާތެރިކަން ކަށަވަރު ނުކުރެވޭތީ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާއި ގުޅިިގެން އުފައްދަފައިވާ ވެކްސިނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އީޔޫއިން ބުނެފައިވަނީ ވެކްސިން އުފައްދާފައިވަނީ ރައްކާތެރިކަން ކަށަވަރުވާ ގޮތަށް ކަމަށާއި ވެކްސިން ގައުމުތަކަށް ފޮނުވުމުގެ ކުރިން އިންސާނުންނަށް ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް އެކި ތަހުލީލުތައް ކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުން އެފަދަ ނުރައްކަލެއް ނެތް ކަން ފެންނަ ކަމަށް އީޔޫއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ވަނީ ވެކްސިން ދިނުން ގައުމުތަކުން ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދީ

    ދިވެހިން ގަނޑު ވެއްޖެޔާ ކިހިނެއް ހަދާނީ.... އިންޑިޔާ އާއި ގައުމު ހަވާލު ކުރަން ވީ ތޯ؟؟

    11
    1
  2. އަހައްމައިދީދީ

    ދިވެހިން ގެ ދުވަސް ދުއްވާލައިފި މި ކިނބޫ. ޔާ ﷲ މި ނުލަފާ ކިނބޫ ގެ ކިބައިން އަޅަމެން ސަލާމަތް ކޮށްދެއްވާ !

  3. ނޫސްކިޔާމީހާ

    ރާއްޖޭގައި ވެކްސިން ޖެހުމުން މީހުން ވަރުވުމުންވެސް ހުއްޓާލާ ހިޔާލެއްނޯވޭ އެކަމަކު ރައްޔިތުންގެ މަޖުލީހުން ބިލެކާމެދު ބަހުސުކުރާނަލަ ދުނިޔޭގެ ގިނަޤައުމުތަކުގާ އަމަލު ކުރާގޮތޭކިޔާ އެކަމަކު ދުނިޔޭގެ ގިނަ ޤައުމުގަކުން ތިޔަ ވެކްސިނެއްޖަހާގެން މީހުންވަރުވާތީ ވެކްސިން ޖެހުން މެދުކަނޑާލާ އެކަމަކު ރާއްޖޭގާ އެންމެ ބޮޑުވަރަކަށްވެސް ކޮއްލާކަމަކީ މީހަކުމަރުވުމުން އެމަރު ތަހުގީގުކުރާކަމަށް ނޫސްތަކަށް މައުލޫމާތުދީފާ ފަހުން ހަބަރެއްނުވޭ މިކަންމިހެންވާތީ އަޅުގަނޑުވަރަށް ދެރަވޭ އަދިވެސް ވެކްސިނާމެދު ހިތްހަމަނުޖޭ ( ވަރުއެއީވާނެ އެއްޗެއްދޯ )