އައިއެސް އާއި ގުޅުން އޮންނަ ހަނގުރާމަވެރިންތަކެއް 11 އަހަރުގެ ކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ކުޑަކުދިންގެ ކަރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮޒަމްބީކް ގައި ބުރިކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުގައި ފާއިތުވި 3 އަހަރުގެ ތެރޭގައި ކުޑަކުދިން ހިމެނޭހެން 2،500އަށް ވުރެ ގިނަ މީހުންގެ ކަރުވަނީ ބުރި ކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކުޑަކުދިންގެ ކަރު ބުރި ކޮށްލާފައިވަނީ އެ ކުދިންގެ މަންމަމެން ކުރިމަތީގައި ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުގައި ކުޑަކުދިންގެ ކަރު ބުރި ކޮށްލާފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އަދި މީޑީއާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހިނގި ހަމަ ނުޖެހުމުގެ ސަބަބުން އެގައުމުގެ ކާބޯ ޑެގަބާޑޯ ޕްރޮވިންސްގެ 580،000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެތަށް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. މިއީ އެފްރިކާ ޕްރޮވިންސްގައި 2017 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކެކެވެ.

މިހާތަނަށް އެގައުމުގައި އެގޮތަށް މަރާލާފައިވާ ގިނަ މީހުންނަކީ އާންމުންގެ މީހުންނެވެ.

އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރަމުން އަންނަ އެމްނެސްޓީ އިންޓަނޭޝަލް އިން މި މަހުގެ ކުރީ ކޮޅު ބުނެފައިވަނީ އެފަދަ ކުށްތައް އިތުރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ޖިހާދުވާ މީހުންވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސިފައިންގެ މީހުން ކުރާ އަނިޔާތައްވެސް ހިމެނޭ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖުހުންތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި އައިއެސް މީހުން ވަނީ ރޮކެޓް ހަމަލާތެކެއް ފޮނުވާފައެވެ.