މީގެ 70 އަހަރު ކުރިން އެމީހުންގެ އަމިއްލަ ވަޠަނުން ގަދަކަމުން ބޭރުކޮށްލި ފަލަސްތީނު މީހުން އެމީހުންގެ ޙައްޤު ހޯދުމަށް ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން އިއްޔެ ތިން މީހަކާއި ކުޑަ ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

" ދަ ގުރޭޓް މާޗް އޮފް ރިޓާން " ގެ ނަމުގައި ޣައްޒާގެ ބޯޑަރުގައި ކުރިޔަށް ދިޔަ މުޒާހަރާގައި ފަލަސްތީނު މީހުންގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާާއީލް ސިފައިން ދަނީ ބަޑިން ހަމަލާދީ މުޒާހަރާގެ ގިނަ ބައިވެރިންނެއް ޝަހީދުކޮށްލާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ދެމުންނެވެ. މި މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 124 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އިސްރާއީލްއިން އިއްޔެ ދިން ހަމަލާތަކުގައިވަނީ އުމުރުން 15 އަހަރުގެ ކުއްޖަކާއި އިތުރު 3 މީހަކު ޝަހީދުކޮށްލާފައެވެ. އަދި އިއްޔެ އެކަނިވެސް 386 މީހުންނަށްވަނީ ޒަޚަމްތަކެއް ލިބިފައެވެ، އަދި މިޒަހަމްތަކުގެ ސަބަބުން ހާލު ސީރިޔަސްވެ 4 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ބޭރުގެ މީޑިޔާތަކުން މައުލޫމާތުދެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 24 ކުޑަކުދިންނާއި 14 އަންހެނުން ހިމެނެއެވެ.

އިއްޔެގެ ހަމަލާތަކުގައިވަނީ މުޒާހަރާ ކަވަރ ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ފޮޓޯ ގުރާފަރެއްގެ ފަޔަށް ބަޑިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އަދި ދާދިފަހުން ސުނައިޕަރެއްގެ ހަމަލާއެއްގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ސިއްޙީ ޚިދުމަތް ދެމުން ދިޔަ ނަރުހެއް ޝަހީދުކޮށްލާފައެވެ.

އިސްލާޢީލުގެ މީހުން ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގެންފައިވަނީ 1948 ވަނަ އަހަރުއެވެ. އެއަހަރު ފަލަސްތީނުގެ ބިމުން 750,000 އަށްވުރެ ގިނަ މީހުން ގަދަ ކަމުންވަނީ ފައްސާލާފައެވެ.

ފަލަސްތީނުގެ މައްސަލައިގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ހަނު ހުރިއިރު، ކޮންމެ އަހަރަކުވެސް އެތައް ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނެއް ދަނީ ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު