ސޯމާލިއާއިން ޔަމަނަށް، ގިނަ ޢަދަދެއްގެ ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓެއް ކަނޑުވެ ހިނގި ހާދިސާއެއްގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި، 46 މީހަކު މަރުވެފައިވާއިރު، 16 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި ހާދިސާ ހިނގި ވަގުތު، ބޯޓުގައި ސަތޭކައެއްހައި މީހުން ތިބި އިރު އޭގެތެރޭގައި 17 އަންހެނަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހު ސޯމާލިއާގެ ބޮސާސޯ ޕޯޓުން، ޔަމަނަށް ދިއުމަށް ނައްޓާލި މި ބޯޓު ކަނޑުވެ އަޑިއަށް ގޮސް، ބޯޓުން ދަތުރުކުރި ބައެއް މީހުން ގެނބިގެން މަރުވެފައިވަނީ، ކަނޑު ގަދަވެގެން ހިނގި ހާދިސާއެއްގައި އެ ބޯޓު ބަންޑުން ޖަހާލުމުގެ ސަބަބުން ކަމަށް ވެއެވެ.

މި ރެފިއުޖީންނަކީ، ހާލުގައި ޖެހިގެން އަމިއްލަ ވަޒަން ދޫކޮށް ޔަމަނަށް ހިޖުރަކުރުމަަށް ދަތުރުކުރި ރެފިއުޖީންތަކެކެވެ. ކޮންމެ މަހަކުވެސް މަދުވެގެން 7000 އެއްހައި ރެފިއުޖީން މިގޮތަށް ކަނޑުމަތީގެ ނުރައްކާތެރި ދަތުރުތައް ކޮށްފައި ޤައުމުތަކަށް ހިޖުރަކުރާއިރު، މިދިޔަ އަހަރު އެކަނިވެސް ލައްކައަކަށްވުރެ ގިނަ ރެފިއުޖީން ވަނީ ކަނޑުމަގުން ޤައުމުތަކަށް ދަތުރުކޮށްފައެވެ. އޭގެތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ކަނޑުމަތީގެ ހާދިސާތަކުގައި ދުނިޔެ ދޫކޮށް ގޮސްފައި ވެއެވެ.

ސޯމާލިއާއިން ދަތުރުކުރި ބޯޓެއް ކަނޑުވެ މިދިޔަ ބުދަ ދުވަހު ހިތާމަވެރި ހާދިސާއެއް ހިނގާފައި މިވަނީ، ދާދި ފަހުން އިތިއޮޕިޔާއިން ވެސް ޔަމަނަށް ދަތުރުކުރި ބޯޓެއް ކަނޑުވެ އެތައް ބަޔަކު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާގައި 51 އަންހެނަކާއި 33 ކުއްޖަކު ގެނބިގެން މަރުވެފައި ވެއެވެ.