މިމަހުގެ ތިންވަނަ ދުވަހު، ފަލަސްތީނުގެ ރައްޔިތުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް އިސްރާއިލްގެ އަނިޔާވެރި ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެދިޔަ ނަރުސް، ރަޒަން އަލް ނަޖަރުގެ މަންމަ، ސަބްރީން އަލް ނަޖަރު، ނަރުހެއްގެ ގޮތުގައި ޚިދުމަތްކުރުމަށް ނިކުމެއްޖެއެވެ.

ޝަހީދުކޮށްލި ދަރިފުޅުގެ ކޯޓުގައި، ނަރުހެއްގެ މަސައްކަތަށް ސަބްރީން ނިކުމެހުރި މަންޒަރު ފެންނަ ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު، އޭނާ ބުނެފައިވަނީ އެފަދަ ނިންމުމެއް ނިންމާފައިވަނީ، ދަރިފުޅު އިންސާނިއްޔަތަށްޓަކައި ކުރަމުންދިޔަ މަސައްކަތް ހުއްޓުމެއް ނެތި ފަހުވަގުތާއި ހަމައަށްވެސް ކުރުމަށް އެދޭތީ ކަމަށެވެ.

ސަބްރީން އިއްޔެ ނަރުހެއްގެ މަސައްކަތަށް ނިކުމެފައިވާއިރު، އޭނާއަށް ފަލަސްތީނުގެ ސިއްޙީ ވުޒާރާއިން ވަނީ، އެކަމަށް ޚާއްސަ ކާޑެއްވެސް ޙަވާލުކޮށްފައެވެ. އެ ވުޒާރާއިންނާއި ރަޒަން އާއި އެކު އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރި ފަރާތްތަކުން ވަނީ، ސަބްރީންގެ ނިންމުމަށް މަރުޙަބާކިޔައި އޭނާގެ ހިއްވަރުގަދަކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

ސަބްރީންގެ ހިއްވަރުގަދަ ދަރިފުޅު، ރަޒަން ޝަހީދުކޮށްލާފައިވަނީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޕެރަމެޑިކެއްގެ ހައިސިއްޔަތުން، މުޒާހަރާގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށެވެ. ސަބްރީން ކިޔައިދިން ގޮތުގައި ހުކުރު ދުވަހުގެ މުޒާހަރާގެ ޑިއުޓީއަށް އޭނާގެ ދަރިފުޅު ނިކުމެގެން، މަގުމަތިން ގޮސް އޮބާލަންދެންވެސް އޭނާ ބަލައިގެން ހުއްޓެވެ. ލޯބިވާ ދަރިފުޅު މަގުމަތިން ގޮސް އޮބާލީ، އެސްފިޔައެއް ޖަހާލާހާ އަވަހަށްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ރަޒަން ޝަހީދުކޮށްލި މުޒާހަރާގައި، އެމަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުގައި އެދުވަހު ރަޒަން ހުރީ ދެ އަތް މައްޗަށް ނަގައިގެންނެވެ. އެއީ، އޭނާއަކީ އެއްވެސް ނުރައްކަލެއް ހުރި މީހެއް ނޫންކަން، ޔަހޫދީ އަނިޔާވެރި ސިފައިންނަށް އަންގައިދިނުމަށެވެ. އެވަގުތު ރަޒަން މަސައްކަތް ކުރީ އެތަނުގައި އޮތް ހާލު ދެރަ ބަލިމީހަކު އެހެން ތަނަކަށް ބަދަލުކުރުމަށެވެ.

ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ، ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކުން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމަކަށްވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ރަޒަން ޝަހީދުކޮށްލި ލާއިންސާނީ ޢަމަލު ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ މިއު މަ

    ހާދަ ހިތްވަރު ގަދައޭ

  2. ޝަހީދުކޮށްލީމާ ކުރަންވީ އުފަލެއް ނޫންތަ؟ އިސްރާއީލީންގެ އަދުއްވުންނަކީ އިސްރާއީލީން މިބިންމަތީގައި ލެއްވި ފަރާތަށް ފުރެދޭ ބަޔެއް ނޫން ކަމަކަށް ނުވާނެ