ހައްދުފަހަނައަޅާފައިވާ ހޫތީ ހަނގުރާމަވެރިންތަކެއް ނިކުމެ، ހައްޖުގެ މަތިވެރި އަޅުކަމާއި އުމްރާވުމަށް މައްކާއަށްދާ ފަރާތްތަކުގެ ދަތުރުގެ ކަންކަން ހަމަޖައްސައިދޭ އޭޖެންސީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ގޮތަށް ހުއްޓުވައި، ބިރުދެއްކުމަށްފަހު މުސްލިމުންނަށް މައްކާއަށް ދެވުނަނުދީ ހިފެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ޔަމަންގައި ޤާއިމްކޮށްފައިވާ މި އޭޖެންސީތައް ހިންގުމަށް ހުރަސްއަޅާފައިވާއިރު، ހަނގުރާމަވެރިން ވަނީ އެޤައުމުގެ ސަނާ އާއި އެނޫންވެސް ގިނަ ސަރަޙައްދުތަކުގައި ހިންގަމުންދާ އޭޖެންސީތައް ބަންދުކޮށް އެ އޭޖެންސީތަކުގެ ވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ހޫތީ ހަނގުރާމަވެރިން ސަނާގައި ހުރި ހައްޖާއި އުމްރާ ދަތުރުތައް ހަމަޖައްސައިދޭ އޭޖެންސީތައް ހުއްޓުވާފައި މިވަނީ، ޔަމަންގެ ސިޓީތަކުގައި ޤާއިމްކޮށްފައިވާ މިފަދަ ބައެއް އަމިއްލަ އޭޖެންސީތައް މެދުވެރިކޮށް ދަތުރު ހަމަޖައްސާ ކޮންމެ މީހެއްގެ އަތުން، ހޫތީ ޖަމާޢަތުގެ "އޮޕަރޭޝަން ފީ" އެއް ކަމަށް ބުނެ ފައިސާގެ ވަކި ޢަދަދެއް އެ ޖަމާޢަތަށް ދެއްކުމަށް އޭޖެންސީތަކަށް މަޖުބޫރުކޮށްފައި ވަނިކޮށެވެ.

ހޫތީ ހަނގުރާމަވެރިން، ބިރު ދައްކައިގެން ހުއްޓުވާފައިވާ އޭޖެންސީތަކުގެ ވެރިން ބުނެފައިވަނީ، އެފަރާތްތަކުން، ހޫތީން ފަދަ ނިރުބަވެރި، މުސްލިމުންގެ އައްދުއްވުން އުޅޭ ޖަމާޢަތަކަށް ފީ ހޯދައިދޭންޖެހޭ ސަބަބެއް ނެތް ކަމަށާއި، އެއީ ގިނަ އޭޖެންސީތަކުން ކުރަން ބޭނުންވާ ކަމެއްވެސް ނޫން ކަމަށެވެ. އެގޮތުން އެ ޖަމާޢަތަށް ފީ ނުދައްކާކަމަށް ބުނެ ސަނާއިން އެކަނިވެސް 18 އޭޖެންސީ ބަންދުކޮށްފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ހޫތީ ހަނގުރާމަވެރިން ވަނީ، މިދިޔަ އަހަރުގައިވެސް މި ދުވަސްވަރާއި ދިމާކޮށް، މައްކާއަށް ދަތުރުކުރާ މުސްލިމުންނަށް އެކި ގޮތްގޮތުން ދުއްތުރާކޮށް ހުރަސްއަޅާފައެވެ. އެގޮތުން ހައްޖަށާއި އުމްރާވުމަށްދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކުގެ ލިޔެކިއުންތަކާއި ޕާސްޕޯޓު ފޭރިގަތުން ފަދަ ޢަމަލުތައް ހިނގާފައި ވެއެވެ.

ހޫތީ ހަނގުރާމަވެރިން ވަނީ އެކި ފަހަރު މަތިން މައްކާއަށް މިސައިލް ޙަމަލާދޭންވެސް މަސައްކަތްކޮށްފައެވެ. މިގޮތުންދޭ ކޮންމެ ޙަމަލާއެއް ސައުދީގެ އެއާ ޑިފެންސް އިން ނާކާމިޔާބުކޮށްލައެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައިެވެސް ހޫތީން ވަނީ މިފަދަ މިސައިލް ޙަމަލާއެއް މައްކާއަށް އަމާޒުކޮށް ފޮނުވާލާފައެވެ.