ޕާކިސްތާންގެ ސުޕްރީމް ކޯޓުން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.
އެ ގައުމުގެ ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ބުނީ ފާއިތުވި ދެ މަހު ކައުންސިލް އޮފް ކޮމަން އިންޓްރެސްޓް (ސީސީއައި) ގެ ބައްދަލުވުމެއް ބޭއްވުމަށް އިމްރާން ޚާންގެ ސަރުކާރަށް ނުކުޅެދިފައިވުމަކީ އެ ގައުމުގެ ސަރުކާރުގެ ފެއިލްވުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުން އިމްރާން ޚާންގެ ސަރުކާރަށް ފާޑު ކިޔާފައިވަނީ އެގައުމުގެ ކުރިއަށް ދިޔަ ވޯޓެއްގެ މައްސަލައިގެ އަޑުއެހުމެއްގެ ތެރެއިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފާއިޒް އީސަ ވިދާޅުވީ ސަރުކާރެއް ހިންގުމުގެ ގާބިލްކަން އިމްރާން ޚާންގެ ސަރުކާރުގައި ނެތް ކަމަށެވެ. އަދި އެ ސަރުކާރަކީ ކަންކަން ނިންމަން ކެރޭ ސަރުކާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ގާބިލްކަމެއް ނެތް ސަރުކާރު ހިންގުމުގައި. އަދި ކަންކަން ނިންމުމުގައި ވެސް ނުކެރޭ،" ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވަނީ ސީސީއައިގެ ރިޕޯޓެއް ހާމަނުކޮށް ސަރުކާރުން ބާއްވާފައި އޮތުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެ ރިޕޯޓު އާންމު ނުކުރާ ނަމަ، ސުވާލު އުފެދޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ޕާކިސްތާންގެ އެޓާނީ ޖެނެރަލް އޮފީހުން ވަނީ ސީސީއައިގެ ބައްދަލުވުން މާޗް 24 ގައި އޮންނާނެ ކަން ކޯޓަށް އަންގައިފައެވެ.
ކޮންމެ ޤައުމެއްގެވެސް ރައްޔިތުން ވޯޓް ލައިގެން، ހަމަ ކޮންމެވެސް މީހަކު ވެރިކަމަށް ގެނެވިދާނެ. އަބަދުވެސް އޮންނަ ކަމެއް އެއީ ވެރިކަމުގައި ހުރި މީހާ ދެކެ ހިތްހަމަ ނުޖެހުން. ސަބބަކީ ތިމާ ބޭނުންވާހާ ކަމެއް ނުވާތީ. ނަމަވެސް ވޯޓްލާ ރައްޔިތުން ވިސްނަންވީ ހިންގުމާއި ތަޖުރިބާ އާއި ރީތި އުޞޫލުތައް ލިބިފައިވާ މީހަކު ވެރިކަމަށް ހޮވުން. ހުސްއެކަނި މަޝްހޫރުކަމުން ވެރިކަމަށް ހޮވީމާ މިފަދަ މައްސަލަތައް މި ފެންނަނީ.