ނިއުޒިލެންޑުގައި ބައިގެންދާ މީހުންނަށާއި، ބަނޑަށް ދަރިފުޅު މަރުވާ މީހުންނަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

ދަރިފުޅު ބަނޑަށް މަރުވުމުން އަދި ބައިގެން ދިޔުމުން، ކުއްޖާގެ މައިންބަފައިންގެ ހިތަށް އަސަރު ކުރެއެވެ. ގައުމުތަކުގައި ގާނޫނު ހަދާފައި އޮންނަ ގޮތުންނަމަ މިފަދަ ހާލަތް ތަކުގައި ވެސް މަސައްކަތް ކުރަން ނުކުންނަން ޖެެހެއެވެ. އެ ލިބޭ ވޭނާއި ހިތްދަތި ކަމާއި އެކު މަސައްކަތަށް ނުކުންނަން ޖެހުމުން އެތައް ބަޔެއްްގެ ހިތަށް އަސަރު ކުރާނެއެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިއުޒިލެންޑުން ވަނީ އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދެމަފިރިންނަށް ޗުއްޓީއެއް ދިނުމަށް ހަމަޖެހިފައެވެ.

ބައިގެންދިޔުމުންނާއި، ބަނޑަށް ކުއްޖާ މަރުވުން ފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ ތިން ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިއުޒިލެންޑުގައި ވަނީ ބިލެއް ފާސްކޮށްފައެވެ. މި ގެނެވުނު ބަދަލަކީ އެފަދަ ހާލަތްތައް ދިމާވާ މީހުންނަށް އެކަމާ ހިތާމަ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މި ބިލް ޑްރާފްޓް ކުރި ގާނޫނު ހަދާ މަޖިލީހުގެ ލޭބަރ ޕާޓީގެ މެންބަރު ގިނީ އެންޑާސަން ބުނެފައިވެއެވެ. މީގެ ކުރިން އެފަދަ ހާލަތް ތަކުގައި މީހުން ނަގަމުން ދަނީ ބަލިވެގެން ނަގާ ޗުއްޓީއެއް ކަމަށާއި ސިކް ޗުއްޓީއަކީ ހާލަތާއި ނުގުޅޭ ޗުއްޓީއެއްކަން އެންޑާސަން ބުނެފައިވެއެވެ. އެންޑާސަން ބުނެފައިވަނީ ބައިގެން ދިޔުން ނުވަތަ ކުއްޖާ މަރުވުމަކީ އަދި މީހާ ބަލިވުން ނޫން ކަމަށާއި އެއީ މީހާއަށް ލިބޭ ހިތާމަ އެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ. އެހެން ކަމުން އެކަމަށް ހާއްސަ ޗުއްޓީއެއް ލިބެން ޖެހޭނެ ކަމަށް ގަބޫލް ކުރާތީ އެންޑާސަން ވަނީ 2019 ވަނަ އަހަރު މި ބިލް ހުށަހަޅާފައެވެ.

ބަނޑަށް ދަރިފުޅު މަރުވުމަކީ ބަނޑަށް 20 ހަފްތާގެ ފަހުން ކުއްޖާގެ ފުރާނަ ދިޔުމެވެ. ބައިގެން ދިޔުމޭ ބުނެވެނީ ބަނޑަށް 20 ހަފްތާ ވުމުގެ ކުރިން ކުއްޖާގެ ފުރާނަ ދިޔުމުންނެވެ.