ޕާކިސްތާންގެ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަސްކަރީ ޕެރޭޑާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ. އަސްކަރީ ޕެރޭޑަށް ފާޑު ކިއުން އަމާޒުވީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް ވެކްސިން ދިނުމުގައި ހަރުދަނާ އުސޫލެއް ގެންގުޅެމުން ނުދާ ކަމަށް ބުނެއެެވެ.

ޕާކިސްތާންގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕެރޭޑެއް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރީ އެ ޕެރޭޑް ބޭއްވުމަށް ތާވަލް ކުރި ތާރީހަށް ވުރެ ދެ ދުވަސް ފަހުންނެވެ. ކޮންމެ އަހަރެއްގައި ވެސް ޕާކިސްތާންގެ ގައުމީ ދުވަސް ފާހަގަ ކުރަނީ މާޗް 23ގައެވެ. އެކަމަކު، މޫސުން ގޯސްވުމުގެ ސަބަބުން ޕެރޭޑް ފަސް ކުރަން ޖެހުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ޕާކިސްތާންގެ އަސްކަރީ ބާރުތައް ވަނީ ދައްކާލައިފައެވެ.

އިސްލާމްއާބާދްގައި ބޭއްވި ޕެރޭޑްގައި މިސައިލްގެ ކުޅިވަރުތައް ދައްކައި ފަަޔާ ފައިޓާސްގެ ޖެޓު ދުއްވާ ހެދިއެވެ.

މި ހަރަކާތުން ދައްކުވައިދޭން ބޭނުންވީ ޕާކިސްތާނުގެ މިލިޓަރީގައި ހަމަލާތަކުން ދިފާއުވެވޭހާ ބާރު ވެރިކަން ހުރި ކަމާއި އެފަދަ ކަމަކަށް ކުރިމަތިލުމަށް ތައްޔާރަށް ތިބިކަން ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވިދާޅުވީ ކޮންމެ ގޮތެއް ހަދާފައިވެ ސް ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޕާކިސްތާނަށް ބޭނުންވަނީ ސަލާމަތާއި، މިނިވަންކަމާއި ހަމަޖެހުން ކަމަށާއި، ކުރިއަތް ދާން ބޭނުން ވަނީ ހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ޖަލްސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ކަރަންޓީނުގައި ހުރުމުގެ ސަބަބުން ބައިވެރިވުމުގެ ދުރުސަތެއް ނުލިބެއެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މި ޕެރޭޑާ ގުޅިގެން ފާޑުކީ ފަރާތްތަކުން ބުނީ މިއީ ސަރުކާރާއި އަސްކަރިއްޔާ އިން ކުރި ބޭކާރު ކަމެއް ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން ޕާކިސްތާނަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

ޕާކިސްތާންގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެފައިވާ އިރު، ކޮވިޑް ވެކްސިން ގަތުމަށް އެކަށީގެންވާ ފަންޑެއް ވެސް ނެތް ކަމަށްވެއެވެ. އެކަމަކު މި އަސްކަރީ ޕެރޭޑަށް އެތައް މިލިއަން ޔޫރޯއެއް ހަރަދު ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާންގައި މިހާތަނަށް 641،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 14،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު