ކޮވިޑް-19 ގެ ސަބަބުން ފްރާންސްގެ ވެރިރަށް ޕެރިސްގެ ހޮސްޕިޓަލްތައް ފުރި ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދެވިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ދީފިއެވެ.

ފްރާންސްގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 41 ޑޮކްޓަރުން ވަނީ އެގޮތަށް އިންޒާރު ދީފައެވެ. އޭގެ ތެރޭގައި އައިސީޔޫގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ކުއްލި ހާލަތުގައި ފަރުވާ ދެމުން އަންނަ ސްޕެޝަލިސްޓް ޑޮކްޓަރުން ހިމެނެއެވެ.

ޑޮކްޓަރުން ބުނެފައިވަނީ ހޮސްޕިޓަލުގައި ހުރި ވަސީލަތްތަކަށް ނުކަތާ ވަރަށް ބަލި މީހުން އަންނަ ކަމަށާއި އެގޮތަށް ބަލި މީހުން އިތުރުވާ ނަމަ ވަސީލަތްތައް މަދުވުމުގެ ސަބަބުން ފަރުވާ ނުދެވި ހިނގައިދާނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެންނަށް ޖެހޭނީ އައިސީޔޫގައި ފަރުވާ ދޭން ޖެހެނީ ކޮންބަޔަކަށްތޯ ނޫންތޯ ހޮވަން. އެގޮތަށް ހަދަން ޖެހޭ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް." ޑޮކްޓަރުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޕެރިސްގެ ލެޑޭ އަވަށުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 1،429 އަށް އަރައިފައެވެ. އެހެން ކަމުން އެ ހޮސްޕިޓަލުން އައިސީޔޫގެ އެނދުތައް 2،250 އަށް އިތުރު ކުރުމަށް ވަނީ ނިންމައިފައެވެ.

އެ ގައުމުގެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ޑޮކްޓަރުން ބުނެފައި ވަނީ މީގެ ކުރިން އެފަދަ ހާލަތެއް ނުދެކޭ ކަމަށާއި ފާއިތުވި އަހަރުތަކުގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

ފްރާންސްގައި މިހާތަނަށް 4.5 މިލިއަން މީހުންނަށް ބަލި ޖެހިފައިވާ އިރު، އެ ގައުމަކީ އެމެރިކާ، ބްރެޒިލް އަދި އިންޑިއާއަށް ފަހު އެންމެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް މި ބަލި ޖެހިގެން 94،492 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހެން

    މުސްލިމުންނަށް އަނިޔާ ކުރަމުން އަންނަ ބަޔަކަށް ތި ކަހަލަ
    އަޒާބު ލިބުނީމަ މާ އުފާވަނީ. އިހަށް ދުވަހު ހަލާލް ގޮތައް ކަތިލުން
    މަނާ ކުރީ އެގޮތަކީ އެންމެ ނުލަފާ ގޮތޯ ކިޔާފަ.