މިސްރުގައި އިމާރާތެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ކުޑަ ކުއްޖަކު ސަލާމަތްކޮށްފިއެވެ.

ނުވަ ބުރިއަށް ހަދާފައި ހުރި އިމާރާތް ވެއްޓި ހިނގި ހާދިސާގައި 25 މީހުން މަރުވެފައިވެއެވެ. އެ ތަނުގައި ރެސްކިއު ޓީމުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ހަ މަހުގެ ކުއްޖެއް ދިިރި ހުއްޓާ ވަނީ ފެނިފައެވެ. އެ ކުއްޖާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ހޮނިހިރު ދުވަހު މި އިމާރާތް ވެއްޓެން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިމާރާތް ވެއްޓުމުގެ ސަބަބުން އެތައް ބަޔަކަށް އަނިިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިސްރުގެ އިމާރާތްތައް ހަލާކުވެގެން ވެއްޓުމަކީ އާންމު ކަމެކެވެ. މިފަދަ ހާދިސާތައް ގިނަ އިން ހިނގަނީ އެތައް އިމާރާތެއް ފަރުވާ ކުޑަކޮށް އަޅާފައިވާތީއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދިރި ހުއްޓާ ފެނުނު ކުއްޖާގެ މައިންބަފައިން އަދި ދައްތަ ވަނީ އިމާރާތުގެ ދަށުވެގެން މަރުވެފައެވެ. އަދި ރެސްކިއު ޓީމުތަކުން ކުޑަ ކުއްޖާގެ ބޭބެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ. މި ހާދިސާގައި ސަލާމަތްވި ފިރިހެން ކުއްޖާގެ ހާލު ރަނގަޅެވެ.

އިންޖިނިއަރުންގެ ޓީމަކުން މި އިމާރާތް ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާކަން ފާހަގަ ކޮށްލެެވެއެވެ. އަދި އިތުރު ބަޔަކު ވޭތޯ ބެލުމުގެ މަސައްކަތް ފުލުހުންނާއި ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.