ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ ނޭވީގެ ސިފައިން، ފަލަސްތީނުގެ މަސްވެރިންނަށް ޙަމަލާތަކެއް އަމާޒުކޮށްފިއެވެ.

ޣައްޒާގެ ދެކުނުން ސުދަންޔާގެ އައްސޭރީގައި އިއްޔެ މަސްވެރިކަމުގައި އުޅުނު ފަލަސްތީނުގެ މަސްވެރިންނަށް އިސްރާއިލް ސިފައިން ޙަމަލާތައް އަމާޒުކޮށްފައިވާއިރު، ބައެއް މަސް ބޯތުތަކަށް މެޝިން ބަޑި ބޭނުންކޮށްގެން ވަނީ ހާމަލާ ދީފައެވެ. ނަމަވެސް މި ޙަމަލާތަކުގައި ފަލަސްތީނުގެ މަސްވެރިއަކަށް އަނިޔާއެއް ލިބުނުކަމެއް އެނގިފައެއް ނުވެއެވެ.

މަންޒަރުދުށް ފަރާތްތަކާއި ޙަވާލާދީ ފަލަސްތީނުގެ ނޫސްތަކުގައި ބުނެފައިވަނީ، މި ޙަމަލާތައް ޔަހޫދީ ސިފައިން ދީފައިވަނީ، މަސްވެރިކަން ކުރުމަށް ހުއްދަ ދީފައިވާ ސަރަޙައްދުގެ ތެރެއިން ކަމަށެވެ. އެގޮތުން ހަނގުރާމަމަތީ ބޯޓުތަކުން އެ ސަރަޙައްދަށްގޮސް އިސްރާއިލްގެ ސިފައިން ވަނީ މަސްވެރިންނަށް ކަނޑުމަތިން ނުރައްކާ ކުރިމަތިކުރުވައި އެ ސަރަޙައްދުން ފައްސާލާފައެވެ.

ޣައްޒާގެ ހުޅަނގުން ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ޙަމަލާ ނުދިނުމަށް މިސްރު އިސްވެ އޮވެގެން މީގެ ކުރިން ހަދާފައިވާ އެއްބަސްވުން 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ހަމަވުމާއިއެކު، އިސްރާއިލްގެ ސިފައިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަނޑުމަތިންވެސް ޙަމަލާ ދެމުންނެވެ.

ފަލަސްތީނުގެ މަސްވެރިންނާއި އިސްރާއިލް ސިފައިން ކަނޑުމަތިން ދިމާކޮށްލާފައި ވަނީ، ޣައްޒާގެ ކަނޑުގެ ސަރަޙައްދުން ހަ ނޮޓިކަލް މޭލުގެ ސަރަޙައްދެއްގައި މަސްވެރިކަން ކުރުމުގެ ހުއްދަ މީގެ ކުރިން ދީފައިވަނިކޮށެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލް ސިފައިންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، ފަލަސްތީނުގެ ހުސް އަތާއި ތިބި މުސްލިމުންނާއި ދެކޮޅަށް ސިފައިން ވަނީ ބޮޑު ޤަތުލުޢާންމެއް ހިނގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އެ ޙަމަލާތަކުގައި އެތައް ހާސް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު