ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ވެރިންނާއި ދެކޮޅަށް، އެޤައުމުގެ ޖަރީމާތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އެމްބަސީ ކުރިމަތީގައި އިންޑޮނޭޝިޔާ އާއި ނޯވޭގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.

މި ދެޤައުމުގައި އިއްޔެ ކުރިއަށްދިޔަ މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، އެފަރާތްތަކުން ވަނީ ފަލަސްތީނުގެ ބިން ފޭރިގަނެ އެޤައުމުގައި އެމެރިކާގެ މަދަދާއި އެކު އިސްރާއިލްގެ ސިފައިން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ނުރުހުން ފާޅުކޮށްފައެވެ.

މި މުޒާހަރާގައި ބައިވެރިން ވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އެނޫންވެސް އެޤައުމުތަކުގެ އިސް ވެރިންގެ ފޮޓޯތަކާއި ނުރުހުން ފާޅުކޮށް ލިޔެފައިވާ ލިއުންތައް ހުރި ޕޯސްޓަރުތައް މުޒާހަރާގައި ބޭނުންކޮށްގައެވެ.

ހަމަ އެހެންމެ އިއްޔެ އިންޑޮނޭޝިއާ އާއި ނޯވޭގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއިލްގެ ދިދަތަކުގައި އާއި އެޤައުމުގެ ވެރިންގެ ޕޯސްޓަރުތަކުގައި ރޯކޮށް އަންދާލާފައެވެ.

މި މުޒާހަރާތަކުގައި އިންޑޮނޭޝިއާ އާއި ނޯވެގެ ރައްޔިތުންގެ އިތުރުން ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކުގެ އިތުރުން މުސްލިމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެފަރާތްތަކުން ވަނީ، އިސްރާއީލުން އަތްގަދަކޮށްގެން އުޅޭ ޤުދުސްގެ ދިގު ތާރީޚާއި އެ ބިމުގެ މާތްކަން ހާމަކޮށް އެމްބަސީ ކުރިމަތީގައި ވާހަކަދައްކާފައެވެ.

މި މުޒާހަރާތައް އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވާގޮތުގައި، މިއީ އިސްރާއީލާއި އެމެރިކާގެ އަނިޔާވެރިކަން މުޅި ދުނިޔެއިން ކުއްވެރިކުރާކަން ހާމަކޮށް އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި ފަށާ ސިލްސިލާ މުޒާހަރާތަކެއް ކަމަށެވެ. އަދި ފަލަސްތީނުގެ މުސްލިމުންނަށް އިންސާފު ނުލިބޭހައި ހިނދަކު މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ކޮންމެ ދުވަހަކުވެސް އިސްރާއިލް ސިފައިންގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ ފަލަސްތީނުގެ އެތައް މުސްލިމުންނެއް ދުނިޔެ ދޫކޮށްދާއިރު، މުޅި ދުނިޔެއިންވެސް އިސްރާއިލްގެ ޢަމަލުތައް ކުއްވެރި ކުރެއެވެ. އެހެނަސް އެކަންކަމަށް އިސްރާއީލާއި އެމެރިކާއިން ދެނީ ބީރު ކަންފަތެކެވެ.

ކިޔުންތެރިންގެ ހިޔާލު