ފާއިތުވި ތިން ހަފްތާގެ ތެރޭގައި ކޮލެރާކަމަށް ޝައްކުކުރެވޭ 23،500 ކޭސް ޔަމަނުން ރިޕޯޓުކޮށްފައިވާކަމަށާއި މި ބަލި އެޤައުމުގައި މިހާ ބާރަށް ފެތުރިދާނެކަން ކުރިން ނޭނގޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ އިން ބުނެފިއެވެ.

ޑަބްލިޔު.އެޗް.އޯ އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ރިޕްރެޒެންޓޭޓިވް، ނެވިއޯ ޒަގަރިޔާ، މީޑިޔާތަކާއެކު ބޭއްވި ކޮންފަރެންސް ކޯލެއްގައި މިހެން ބުނެފައިވާއިރު ޔަމަނުގައި ފަހުން ކޮލެރާ ފެތުރުން ފެށީންސުރެ މިހާތަނަށް އެބަލީގައި 242 މީހަކު މަރުވެގެން ރިޕޯޓުކޮށްފައިވާކަމަށް މީޑިޔާތަކުން ބުނެއެވެ.

ޔަމަނުގައި ހަލުވި މިނެއްގައި ކޮލެރާ ފެތުރެމުން ދާތީވެ، މި ހަފްތާގެ އާދީއްތަ ދުވަހު އެޤައުމުގެ ވެރިރަށް ސަނާގައިވަނީ ކުއްލި ޙާލަތު އިޢުލާންކޮށްފައެވެ.

މިކަމާ ގުޅިގެން ޔަމަނުގެ ސަރުކާރުން ބުނެފައިވަނީ ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށާއި ބަލިމީހުން އިތުރުވާ އިތުރުވުމަށް ބަލާއިރު އެޤައުމުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ފަރުވާ ދިނުމަށް ދަތިވާ މިންވަރަށް ބަލިމީހުން އިތުރުވަމުންދާކަމަށެވެ.

ޔަމަނަކީ އެންމެ ފަޤީރު އަރަބި ޤައުމަށްވާއިރު، ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން ގެންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމަށްވަނީ  އެތައް ގެއްލުމެއް ލިބިފައެވެ. އުމްރާނީގޮތުން ލިބިފައިވާ ތަރައްޤީ ގެއްލި، ގިނަ ހޮސްޕިޓަލުތަކެއް ހަލާކުވެފައިވުމުގެ ސަބަބުން، މިހާރު ޚިދުމަތްދެވޭ ކެޕޭސިޓީވެސް ވަނީ ދަށްވެފައެވެ. ހަމައެހެންމެ، ފާއިތުވި ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ސަބަބުން 10،000 އެއްހާ މީހުން މަރުވެ އަދި މިލިޔަނެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ކޮލެރާއަކީ ފެން ތަޣައްޔަރުވުމުން ނުވަތަ ނުސާފު ފެނުގެ ޛަރީއާއިން ޖެހޭ ބައްޔަކަށްވާއިރު، ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ޔަމަނުގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކަށް ބުއިމަށް އެކަށޭނެ، ސާފު ފެނެއް ނުލިބެއެވެ. މީގެއިތުރުން، މިފަދަ މައްސަލަތަކާ ގުޅިގެން އެހެން ބަލިތައްވެސް ޔަމަނުގައިދަނީ ފެތުރެމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ޔުނިސެފުން ހާމަކޮށްފައިވާގޮތުގައި މަލްނިއުޓްރިޝަން އާއި ބޭރަށްހިންގުން ނުވަތަ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގައި ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު އެޤައުމުގައި މަރުވެއެވެ.

ޔަމަނުގެ ހެލްތު މިނިސްޓްރީ އާއި އ.ދ އިން ގުޅިގެން މި އިންސާނީ ކާރިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށް އެފަރާތްތަކުންވަނީ ބުނެފައެވެ. - އަލްޖަޒީރާ

Comments are closed.