އިސްރާއީލުން ހިންގި ގަތުލުއާންމުގެ މައްސަލާގައި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމަކީ ޣައްޒާ މައްސަލާގައި އަރަބި ގައުމުތަކުން ހުށަހަޅާފައިވާ ގަރާރަކަށް ވޯޓަށް އެހުމަށް ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަކީ އަރަބި ލީގާއި، އިސްލާމީ ގައުމުތައް ހިމެނޭ އެންމެބޮޑު ޖަމާއަތް، އޯ.އައި.ސީގެ އިސްނެގުމުގެ މަތިން ބާއްވާ ޖަލްސާއެކެވެ.

މިވަގުތު އދގެ އާންމު މަޖިލީހަށް ހުށަހެޅިފައިވާ މިގަރާރަކީ، އދގެ ސަލާމަތީ މަޖިލީހުގެ މިދިޔަ ހަފްތާގެ ޖަލްސާއަށް އަރަބި ގައުމުތަކުގެ ފަރާތުން ކުވައިތު ހުށަހެޅި ގަރާރާ އެއްގޮތް ގަރާރެކެވެ.

މިދިޔަ ހަފްތާގައި ކުވައިތުން ހުށަހެޅި ގަރާރުގައި، އިސްރާއީލު ކުށްވެރި ކުރުމުގެ އިތުރުން، އިސްރާއީލުގެ އުދުވާނުތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި އދ ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓޯގެ ބޭނުންކޮށް ނާކާމިޔާބު ކޮށްލާފައެވެ.

މި ގަރާރު ހުށައެޅިނަމަވެސް އދގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ އެއަށް އަމަލުކުރުން މަޖުބޫރު ގަރާރުތަކެއްނޫނެވެ.

މި ގަރާރު ހުށައަޅާފައިވާއިރު ޣައްޒާގެ ވަކިކުރާ އިމަށް އިއްޔެ މުޒާހަރާ ކުރުމަށް ޖަމާވި ފަލަސްތީނުގެ އާންމުންގެ ގަޔަށްވެސް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ކުޑަކުއްޖަކާއި، އިތުރު ތިންމީހަކު ޝަހީދު ކޮށްލާފައިވެއެވެ.

ފަލަސްތީނު މީހުންގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާާއީލް ސިފައިން ދަނީ ބަޑިން ހަމަލާދީ މުޒާހަރާގެ ގިނަ ބައިވެރިން ޝަހީދުކޮށްލާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ދެމުންނެވެ. މި މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 140 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށް މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނޑޫ

    ތިޖަލްސާގައި ނިންމާނެ ގޮތަކީ އިސްރާއީލުން ގަތުލު އާންމެއް ހިނގާތޯ ބެލުމަށް ޓީމެއް ކަނދައެޅުން. ސަލަމް

  2. ބާބަ

    އދގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރުތަކަކީ އެއަށް އަމަލުކުރުން މަޖުބޫރު ގަރާރުތަކެއްނޫނެވެ. ދެންކީއްކުރަން ބާއްވާ ބައްދަލުވުމެއްބާތީ އދ ތީ އެމެރިކާ ބޭނުން ގޮތަކައް މޮޑެން އޮންނަ ފުއްގަޑެކޭ