ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ވީގޯ އިން އަރަބި ގައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ވީގޯއަކީ އެކި ގައުމުތަކަށް ފަތުރުވެރިން ދަތުރު ކުރުމަށް އެހީތެރިވެދޭ ވިޔަފާރިއެކެވެ. މިއީ އަރަބި ގައުމުތަކާއި އެފްރިކާގެ އުތުރު ހިސާބުތަކުގައި އެންމެ ބޮޑު މާކެޓެއް އޮންނަ ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. ވީގޯ އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން އަރަބި ގައުމުތަކުގެ މީހުން ރާއްޖެ އަށް ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދު ކުރުމަށް ފަހު މިދިޔަ ޖުލައި މަހުު އަލުން ވަނީ ބޯޑަރު ހުޅުވާލައިފައެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އަށް އައުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓްގެ ނަތީޖާ ނައްސިވެއްޖެ ނަމަ، ރާއްޖެ އަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ޖުލައި މަހު ރާއްޖެއަށް އައިސްފައިވަނީ 1،701 ފަތުރުވެރިންނެވެ. އޮގަސްޓު މަހު 7،628 ފަތުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއަށް އައީ 9،538 ފަތުރުވެރިންނެވެ.

އޮކްޓޫބަރުމަހު ރާއްޖެއަށް 21،515 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ނޮވެމްބަރުމަހު ރާއްޖެއަށް ވަނީ 35،759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރު މަހު ރާއްޖެއަށް އައީ 96،225 ފަތުރުވެރިންނެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައި އިރު ފެބްރުއަރީ މަހު ރާއްޖެއަށް އައީ 96،882 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު 270،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ އަވަށްޓެރި އިންޑިއާ އިންނެވެ.

ވީގޯ އާއި ވިޒިޓް މޯލްޑިވްސް ގުޅިގެން އަރަބި ގައުމުތަކުން ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިން ގިނަ ކުރުމުގެ ގޮތުން މީސް މީޑިއާގައި އިސްތިހާރުކޮށް، އިތުރު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރ، ތޮއްޔިބް މުހައްމަދު ވިދާޅުވީ ވީގޯ އާއި ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރުމުން އަރަބި ގައުމުތަކުން ރާއްޖޭގެ ޖަޒީރާ ރައްތައް ބަލަން ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވެގެން ދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ސަބަބުން އަރަބި ގައުމުތަކުގެ މީހުންނަށް ރާއްޖެ ސިފަވެގެން ދާނީ ހަމަ އެކަނި ލޯބިވެރިން ޗުއްޓީ ހޭދަ ކޮށްލުމަށް ޒިޔާރަތް ކުރާ ތަނެއްގެ ގޮތުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެކަނި ދަތުރު ކުރާ މީހުންނަށާއި، އާއިލާއާއި އެކު ޗުއްޓީ ހޭދަ ކޮށްލުމަށް ވެސް ޒިޔާރާތް ކުރުމަށް އެންމެ ކަމުދާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ވެެގެން ދާނެ ކަމަށް ތޮއްޔިބް ވިދާޅުވިއެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއެރުމަށް ކުރާ މަސައްކަތް ކާމިޔާބު ވުމަކީ ކުރާ އުންމީދެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    އެހެންވެގެންދީ ކައިޒީން ބުރުޖުޚަލީފާ އަށް އަރާއެހުރީ.