އެމެރިކާގައި 2020 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ގެންދަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާ ކަރަށް ފައިން އަރައިގެން އިނދެ އޭނާ މަރާލި މައްސަލައިގައި އެފުލުސް އޮފިސަރުގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް އޭނާގެ ދިފާއު ޝަރީއަތައް ހުށަހަޅައިފިއެވެ.

ފްލޮއިޑްގެ ކަރަށް ފައިން އެރި ފުލުސް އޮފިސަރު ކަމަށްވާ ޑެރެކް ޗައުވިންގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއަކާއި، އޭނާ ކުރި ޤާނޫނާއި ހިލާފު އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އުފުލާފައެވެ. ފްލޮއިޑް މަރާލި މައްސަލައިގައި ޑެރެކް ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ޑެރެކްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޝަރީއަތުގެ މަޖިލީހުގައި އިއްވުމުން ޑެރެކްގެ ޤާނޫނީ ވަކީލު އެރެކް ނެލްސަން ބުނީ ފްލޮއިޑް މަރުވީ ޑެރެކް ކުރި އަމަލެއްގެ ސަބަބުން ނޫން ކަމަށެވެ. ޑެރެކް ބާރުގެ ބޭނުން ކޮށްފައި ވަނީ ޤާނޫނާއި ގަވައިދާއި އެއްގޮތައް އެހާލަތުގައި ބާރުގެ ބޭނުން ކުރެވިދާނެ މިންވަރަށް ކަމަށް ދިފާއީ ވަކީލު ބުންޏެވެ.

ދިފާއީ ވަކީލު އެރެކް ބުނީ ފްލޮއިޑް މަރުވީ އެއްވެސް ހާލެއްގައި ޑެރެކް ކުރި އަމަލެއްގެ ސަބަބަކުން ނޫނެވެ. ފްލޮއިޑް މަރުވީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރުމުގެ ސަބަބުން އޯވަޑޯސް ވެގެންނާއި ފްލޮއިޑްގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ދިފާއީ ވަކީލު ބުންޏެވެ. "މައްސަލައެއްގައި ދައުވާ އުފުލެން ވާނީ އެމައްސަލައެއްގައި ލިބެން ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް. ނަމަވެސް މިމައްސަލައިގައި ދައުވާ އުފުލާފައި މިވަނީ މުޖުތަމައުގެ ތެރެއިން އައި ޕްރެޝަރަށް ބިނާކޮށް. މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތް ބެލިފައެއް ނެތް." އެރިކް ކޯޓުގައި ބުންޏެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން ޑެރެކް ނުވަ މިނެޓް ވަންދެން އިނެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން މިދިޔަ އަހަރު އެމެރިކާގެ ގިނަ ސަރަހައްދުތަކެއްގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައި ވެއެވެ.