އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ ކަމަށްވާ ކެޕިޓަލް ބިލްޑިން ކައިރީގައި ރޭ ހިނގި ހާދިސާ ގައި ހަމަލާ ދިން މީހާ ވަނީ ފުލުހެއްގެ ގަޔަށް ވަޅި ޖަހާފައި ކަމަށާއި ވަޅިން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ފުލުސް އޮފިސަރު މަރުވެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

މިހާދިސާ ހިނގީ ދިވެހިރާއްޖޭގެ ގަޑިން ރޭ 22:00 ކަންހާއިރުއެވެ. އެއީ އެމެރިކާގެ ގަޑިން މެންދުރު 13:00 ކަންހާއިރުއެވެ.

ފުލުހުން ބުނާ ގޮތުގައި މީހަކު ވަނީ ކާރެއްގައި ބާރަށް ދުއްވާފައި ގޮސް ޗެކްޕޮއިންޓެއްގައި ތިބި ދެފުލުހުންގެ ގައިގަ ޖައްސާފައެވެ. ދެފުލުހުންގެ ގައިގަ ކާރުން ޖެއްސުމަށް ފަހު ކާރުގައި އިން މީހާ ކާރުން ފައިބާ އެއްފުލުހެއްގެ ގަޔަށް ވަޅިން ހަމަލާ ދިން ކަމަށް ފުލުހުން ބުނެއެވެ. މިހަމަލާ ދީފައި ވަނީ އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވެއެވެ. އޭނާގެ ނަމަކީ ނޫހް ގްރީންއެވެ. ފުލުހުން ވަނީ ގްރީން ދެވަނަ ފުލުސް މީހާ އަށް ވަޅިން ހަމަލާ ދިނުމުގެ ކުރިން ބަޑިން ހަމަލާދީ ގްރީން މަރާލާފައެވެ.

ވަޅިން ހަމަލާ ދިނުމުން މަރުވެފައި ވަނީ ފުލުހުންގެ ތެރޭގައި 18 އަހަރު ހިދުމަތް ކޮށްފައިވާ ވިލިއަމް އީވާންސް ނަމަކަށް ކިޔާ ފުލުހެއް ކަމަށް ފުލުހުން ބުނެއެވެ. ކާރުން ޖެއްސުމުގެ ސަބަބުން ޒަހަމްވި ދެވަނަ ފުލުސް މީހާ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގްރީން މިފަދަ ހަމަލާއެއް ދިން މަގުޞަދު ދެނެގަތުމަށް މިހާރު މައްސަލައިގެ ތަހްގީގު ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު