ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވުމާއި ގުޅިގެން މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ބަންގްލަދޭޝް ފުރަބަންދު ކުރަން ނިންމައިފިއެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ފުރަބަންދުގެ މުއްދަތުގައި ކޯޓުތަކާއި ހުރިހާ އޮފިސްތަކެއް ބަންދު ވާނެ ކަމަށެވެ. ނަމަވެސް، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުންކުރާ މިލްތައް ބަންދު ނުކުރާނެ ކަމަށެވެ. މިލް ތަކުގައި މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ސްޓޭޓް މިނިސްޓަރ ބުނެފައިވެއެވެ.

އިންޑަސްޓްރީތަކަާއި މިލްތައް ބަންދު ނުކުރާނެ ސަބަބެއް ކަމުގައި ބުނެފައިވަނީ އެ ތަންތަން ބަންދު ކުރުމުން ވޯކްސްޓޭޝަން ދޫކޮށް މަސައްކަތް ކުރާ މީހުން އެމީހުންގެ ގެޔަށް ދާން ޖެހޭނެތީ ކަމަށެވެ.

ބަންގްލަދޭޝްގައި 24 ގަޑި އިރުގެ ތެރޭގައި އެގައުމުން 6،830 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު 50 މީހުން ކޮވިޑުގައި މަރުވެފައިވެއެވެ. މިޔާއި އެކު ޖުމުލަ 6،24،594 މީހުން އެގައުމުން ކޮވިޑަށް ފައްސި ވެފައިވެއެވެ. ބަންގްލަދޭޝްއިން ޖުމުލަ ގޮތެއްގައި ކޮވިޑުގައި 9،155 މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑަށް ފައްސި ވެފައިވާ މީހުންނަށް ބަލާއިރު މިއަދާއި ހަމަޔަށް 130 މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 2.84 މިލިއަން މީހުން ކޮވިޑު ބަލީގައި މަރުވެފައިވެއެވެ. ހަމަ އެޔާއި އެކު 73.7 މިލިއަން މީހުން ބަލިން ރަނގަޅުވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ބަންގްލަދޭޝްގެ އިތުރުން އިތުރުން އިޓަލީ އާއި ފްރާންސް ވެސް ކޮވިޑް ކޮންޓްރޯލް ނުވުމުގެ ސަބަބުން މިއަދު ވަނީ ފުރަބަންދު ކޮށްފައެވެ.

ކޮރޯނާވައިރަހުން ދިފާއުވުމުގެ ގޮތުން ބަންގްލަދޭޝްގައި ވެކްސިން ދެމުން ދާއިރު މިހާތަނަށް 5،370،431 މީހުންނަށް ވެކްސިން ދެވިފައިވެއެވެ.