މި ރަމަޟާން މަހު ވެސް ހަރަމްފުޅު ހުންނާނީ ހުޅުވާފައި ހުންނާނެ ކަމަށް ސައުދީ އަރަބިއްޔާގެ ޖެނެރަލް ޕްރެސިޑެންސީ އެެފެއަސް އިން ހާމަކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ އުސޫލު ހާމަކޮށް ޖެނެރަލް ޕްރެސިޑެންސީ އެފެއަސް އިން ވިދާޅުވީ އަޅުކަން ކުރާ ފަރާތްތަކަށް މަސްޖިދުން ހަރަމްފުޅު ހުޅުވާފައި ބެހެއްޓި ނަމަވެސް އުމްރާގެ އަޅުކަން ކުރާ ފަރާތްތަކަށް ގެފުޅުގައި އަތްލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

މިއަހަރު ހަރަމްފުޅަށް ވަދެވޭނީއެކަމަށް ހުއްދަދިނުމަށް އާއްމުކޮށްފައިވާ އެޕްލިކޭޝަނުން ހުއްދަ ހޯދާ މީހުންނަށް އެކަނި ކަމަށާއި ހަރަމްފުޅަށް ނަމާދަށް ދާ މީހުންނަށް ހުޅުވާލާފައިވަނީ މިސްކިތަށް އިތުރު ކުރި ބައިގެ ފުރަތަމަ ފަންގިފިލާ އާއި ޓެރަސްގެ އިތުރުން މިސްކިތުގެ ކޮމްޕައުންޑް ކަމަށް އެ ގައުމުގެ ސަރުކާރުން ވިދާޅުވެއެވެ.

ގެފުޅު ހުންނަ މަތާފް ސަރަހަދަށް ވަދެވޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށްދާ ފަރާތްތަކަށް އެކަނި ކަމަށްވީ ނަމަވެސް އުމްރާއަށް ދާ މީހުންނަށްވެސް ގެފުޅުގައި އަތްލާ ބޮސްދީ ހެދުން ވަނީ މަނާކޮށްފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހު ހަރަމްފުޅުގައި ތަރާވީހު ނަމާދުގައި ކުރާނީ 10 ރަކުއަތްކަމަށް ސައޫދީ އަރަބިއްޔާގެ ސާރުކާރުން ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން އާންމުކޮށް ރަމަޟާން މަހު ހަރަމްފުޅުގައި ކުރާ ތަރާވީހު ނަމާދުގައި 20 ރަކުއަތް ހިމެނޭ ކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައި ވާތީ ހަރަމްފުޅުގައި އަމަލު ކުރާނެ އުސޫލުތަކެއް ވަނީ އެކުލަވާލައިފައެވެ. އެ އުސޫލުތައް އާންމު ކުރައްވައި މަސްޖިދުލް ހަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު އަބްދުލް ރަޙްމާން އަލްސުދައިސް ވިދާޅުވީ މިފަހަރު ރަމަޟާން މަހު ހަރަމްފުޅުގައި ތަރާވީހާ ވިތުރު އާއެކު ކުރާނީ ޖުމްލަ 13 ރަކުއަތްކަމަށެވެ.

މިފަހަރުގެ ރަމަޟާން މަހު ހަރަމްފުޅުގައި ރޯދަވީއްލުމަށް ސުފުރާތައްވެސް ހެދުން މަނާކޮށްފައި ވުމުގެ އިތުރުން މިސްކިތުގައި އިއުތިކާފަށް އިނުންވެސް މަނައެވެ. މި ނިންމުން ފަހު ދިހައެއްގައިވެސް ދެމި އޮންނާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ކޮވިޑްގެ ހާލަތު ދިމާވުމުގެ ކުރިން ހަރަމަށް ދާ މީހުންނަށް މިސްކިތުގެ އެކި ސަރަހައްދުގައި ޒަމްޒަމް ފެން ލިބޭ ގޮތް ފަހިކޮށްދީފައި ވީ ނަމަވެސް އެކަމަަށްވެސް ސައުދީ ސަރުކާރުންވަނީ މި ރޯދަމަހު ބަދަކު ގެނެސްފައެވެ. މިގޮތުން މިސްކިތަށް އަރާ މީހުންނަށް ޒަމްޒަމް ފެން މިފަހަރު ދޭނީ ވަކިވަކި ފުޅީގައެވެ.

ސައުދީ އަރަބިއްޔާ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު