ހަނގުރާމަވެރި ޖަމާޢަތް، އަލްގައިދާއިން މިސްރުގެ ލީޑަރަކަށް ހަމަޖައްސާފައި ހުރި އުމަރު ސުރޫރު މަރާލައިފިއެވެ.

ލީބިޔާގެ ސިޓީއެއް ކަމަށްވާ ދެރްނާގައި، އެޤައުމުގެ އަސްކަރިއްޔާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު ހިނގައިދިޔަ ކުރިމަތިލުމެއްގެ ތެރެއިން ސުރޫރު މަރާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ސުރޫރު މަރާލިކަން އަލްގައިދާ ޖަމާޢަތުންވެސް އިއުލާނުކޮށްފައިވާއިރު، އޭނާއަކީ މިސްރުގައި ނިރުބަވެރި ޢަމަލުތައް ހިންގުމުގެ ކުށުގައި ހޯދަމުންދިޔަ މީހެކެވެ. އޭނާއަކީ މިސްރުގައި ހަނގުރާމަވެރިން ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިސްރޯލެއް އަދާކުރަމުންދިޔަ މީހަކަށްވާއިރު، މީގެ ކުރިން އޭނާ އުޅެމުންދިޔައީ ލީބިޔާގެ ހަނގުރާމަވެރިންގެ އިސް ވެރިއެއްގެ ގޮތުގައެވެ.

މިސްރުގެ ސިފައިން އުމުރުން 39 އަހަރުގެ ސުރޫރު މަރާލާފަވާއިރު، އޭނާ އިސްވެ ހުރެ ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ މިސްރުގެ ސިފައިންނާއި ފުލުހުންގެ އިތުރުން އެނޫންވެސް ސަލާމަތީ އިދާރާތަކާއި ކުރިމަތިލައި ގިނަ ޢަދަދެއްގެ އޮފިޝަލުން މަރާލާފައެވެ. މީގެ އިތުރުން އެޤައުމުގެ ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ނިރުބަވެރި ޙަމަލާތައް ދިނުމުގައިވެސް ސުރޫރު ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ސުރޫރު މަރާލި ދެރްނާއަކީ، ލީބިޔާ އާއި މިސްރު ގުޅޭ ބޯޑަރު ސަރަޙައްދުގައި އޮންނަ ހަމަ އެކަނި ސިޓީއެވެ. ހަނގުރާމަވެރިން މި ސިޓީ ކޮންޓްރޯލް ކުރާއިރު، އަލްގައިދާގެ އިތުރުންވެސް އެޖަމާޢަތާއި ގުޅިފައިވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން އެ ސަރަޙައްދުގައި ހަރަކާތްތެރިވެއެވެ. މި ހަނގުރާމަވެރިންގެ ޙަރަކާތްތައް ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ ސުރޫރުއެވެ. އިއްޔެ މިސްރުގެ އިދާރާތަކުން ހިނގި އޮޕަރޭޝަނުގައި މި ސަރަޙަައްދުން ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ކުރިއަށްދިޔައިރު، ބައެއް އިތުރު ހަނގުރާމަވެރިންވެސް މަރާލާފައި ވެއެވެ.