ފަލަސްތީނުގައި ތުއްތު އަންހެން ކުއްޖަކަށް، އެޤައުމުގައި ދާދިފަހުން ޝަހީދުކޮށްލި ހިއްވަރުގަދަ ނަރުސް، ރަޒަން އަލް ނަޖަރުގެ ނަމުން ނަންދީފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ޝަހީދުކޮށްލި ރަޒަންގެ ނަމުން ނަން ދީފައިވަނީ ޣައްޒާއަށް އުފަންވި ފަލަސްތީނުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ އާއިލާއިން ބުނެފައިވަނީ، ރަޒަން އަލް ނަޖަރުގެ ނަމުން އެ ތުއްތު ކުއްޖާއަށް ނަންދިނީ، ޝަހީދުކޮށްލި ނަރުސްގެ ހިއްވަރުގަދަކަން ފާހަނގަކޮށް އޭނާގެ ހަނދާން އަބަދުވެސް ހިތްތަކުގައިވާނެކަން ހާމަކޮށްދިނުމަށްކަމުގައެވެ.

އުމުރުން 21 އަހަރުގެެ ރަޒަން ޝަހީދުކޮށްލާފައިވަނީ، އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް، ޣައްޒާގެ އިރުމަތީ ބޯޑަރު ސަރަޙައްދުގައި ހިންގި ޤަތުލުޢާންމެއްގައި، އޭނާ ޑިއުޓީ އަދާކުރަމުން ދަނިކޮށެވެ.

ހިއްވަރުގަދަ ރަޒަންއަކީ، ޣައްޒާގެ ހެލްތް މިނިސްޓްރީއަށް ދަރުމަވެރިއެއްގެ ގޮތުުގައި މަސައްކަތްކޮށްދެމުން ދިޔަ ނަރުހެކެވެ. އޭނާ އަށް އިސްރާއިލް ސިފައިން ޙަމަލާ ދިނީ، އެ ދުވަހު އެފަރާތްތަކުން ހިނގި ލާއިންސާނީ ޢަމަލުތަކުގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށެވެ. ރަޒަން ޝަހީދުކޮށްލިރު އޭނާ ހުރީ، ނަރުހުންގެ ޔުނީފޯމުގައި އޭނާގެ ކާޑުވެސް އަޅާއިގެންނެވެ.

ރަޒަން ޝަހީދުކޮށްލި މުޒާހަރާގައި، އެމަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުގައި އެދުވަހު ރަޒަންއަށް ޙަމަލާދިން އިރު އޭނާ ހުރީ ދެ އަތް މައްޗަށް ނަގައިގެންނެވެ. އެއީ، އޭނާއަކީ އެއްވެސް ނުރައްކަލެއް ހުރި މީހެއް ނޫންކަން، ޔަހޫދީ އަނިޔާވެރި ސިފައިންނަށް އެންގުމަށެވެ. އެވަގުތު ރަޒަން މަސައްކަތް ކުރީ އެތަނުގައި އޮތް ހާލު ދެރަ ބަލިމީހަކު އެހެން ތަނަކަށް ބަދަލުކުރުމަށެވެ.

ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ، ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކުން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމަކަށްވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ރަޒަން ޝަހީދުކޮށްލި ލާއިންސާނީ ޢަމަލު ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު