؛ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން ބުނެފިއެވެ.

ހައްޖާއި އުމްރާއާއި ގުޅޭ ކަންކަން ކުރާ ސައުދީ އަރަބިއްޔާގެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ރަމަޟާން މަހު އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތައާރަފް ކޮށްފައިވާ ފޯން އެޕްލިކޭޝަނެއް ކަމަށްވާ "ތަވައްކަލްނާ" ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓްރީ ވާށެވެ. ރަޖިސްޓްރީވާ ފަރާތް ވާންޖެހޭނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާ މީހަކަށެވެ. ދެޑޯޒް ފުރިހަމަ ކުރިފަހުން ކޮވިޑް ޖެހިފައިވާނަމަ ބަލިން ރަނގަޅުވިތާ 14 ދުވަސް ވެފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން މިހާރު ވަނީ ރަމަޟާން މަހު ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނެ މީހުންގެ އަދަދު އިތުރު ކުރަން ވެސް ނިންމާފައެވެ. ނަމަވެސް ހަރަމްފުޅުގައި ނަމާދު ކުރެވޭނީ ވެސް "ތަވައްކަލްނާ" އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ސައުދީ އަރަބިއްޔާ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި އެއްގައުމެވެ. އެގައުމުގެ ހާލަތު މިދިޔަ އަހަރުގެ ޖޫން މަހު ވަރަށް ބޮޑަށް ގޯސްވިއެވެ. ޑިސެމްބަރ މަހު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ ގާތްގަނޑަކަށް 100 އަށް ވެސް މަދުވިއެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހުރީ 600 ގައެވެ.