އިންޑިއާ އިން މިއަދު 115246 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދަކީ މިހާތަނަށް އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައިރު ވެސް އެއްދުވަސް ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. މިއަދަކީ އިންޑިއާ އިން ލައްކައަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދެވަނަ ދުވަހެވެ. މިމަހުގެ ތިން ވަނަ ދުވަހު އިންޑިއާ އިން ލައްކައަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑް ޖެހިގެން އިންޑިއާ އިން 630 މީހުން ވަނީ މަރުވެފައެވެ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 12.7 މިލިއަނަށް އަރައެވެ. ކޮވިޑް ޖެހިގެން އިންޑިއާ އިން މިހާތަނަށް 166,207 މީހަކު ވަނީ މަރުވެފައެވެ.

މިއަދު އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 55,469 މީހުން ފައްސިވީ މަހާރާޝްތުރަ ސްޓޭޓުންނެވެ. މަހާރާޝްތުރައިގެ އިތުރުން އުއްތަރަ ޕްރަދޭޝްގައި ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. އުއްތަރަ ޕްރަދޭޝްގައި ރޭގަނޑު ކާފިއު ހިންގަން އެގައުމުގެ ސިއްހީ އެހީތެރިން ވަނީ ސަރުކާރުގައި އެދިފައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ގުޖުރާގުގައި ރޭގަނޑު ކާފިއު ހިންގަން މިއަދު ވަނީ ނިންމާފައެވެ.

މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައި ވަނީ މަހާރާޝްތުރަ އާއި ގުޖުރާތުގެ އިތުރުން ރާޖިސްތާނާއި، އުއްތަރަ ޕްރަދޭޝްގައެވެ.

އިންޑިއާގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ އާވޭރިއަންޓެއް އިންޑިއާގައި ފެތުރެމުން ދާތީ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.