ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ތެރެއިން ތިން ބައި ކޮށްފައި އެއްބައި މީހުން ނާރުގެ ބަލިތައް ނުވަތަ ސިކުނޑީގެ ބަލިތައް ޖެހިފައިވާ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

މި ދިރާސާ ކޮށްފައިވަނީ 230،000 މީހުން ބައިވެރި ކޮށްގެންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ހަ މަސް ދުވަހުގެ ތެރޭގައި ތަހުލީލް ކުރެވުނު އިރު ސިކުނޑީގެ ބަލި ހުރިކަން ހާމަވެފައިވެއެވެ. ސައިންސްވެރިން ބުނެފައިވަނީ ކޮވިޑްް ފުރަބަންދުގެ ސަބަބުން ސިކުނޑީގެ ބަލިތަކާއި ނާރުގެ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން ގިނަވެދާނެ ކަމަށެވެ.

ދިރާސާ ޓީމުން ބުނެފައިވަނީ ކޮރޯނާވައިރަހާއި ނަފްސާނީ ބަލިމަޑުކަމާއި ހުރީ ކޮން ގުޅުމެއްކަމެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ޑިޕްރެޝަން އާއި އެންޒައިޓީ އަކީ ފާހަގަ ވެފައިވާ 14 ޑިސްއޯޑާގެ ތެރެއިން އެންމެ އާންމު ވެފައިވާ ބަލިތަކެވެ.

ކޮވިޑްގެ ކުރިޔަށް ބަލާއިރު ސްޓްރޯކާއި، ޑިމެންޝިއާ އަދި އެހެންެވެސް ނާރާއި ގުޅިފައިވާ ބަލިތައް މިހާރާއި ބަލާފަ މަދު ކަމަށް ދިރާސާ ޓީމުން ބުނެފައިވެއެވެ. އެ ޓީމުން ހޯދި ހޯދުންތަކުން ފާހަގަ ވެފައިވަނީ ސިކުނޑީގެ ބަލިތަކާއި ނަފްސާނީ ބަލިތައް ކޮވިޑް ފުރަބަންދުގެ ސަބަބުން އިތުރު ވެފައިވާ ކަމަށެވެ.

ސިއްހީ މާހިރުންގެ ކަންބޮޑުވުން މިކަމާއި ގުޅިގެން ވަނީ ފާޅު ކޮށްފައެވެ. މިދިޔަ އަހަރު ކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުން ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންގެ ތެރެއިން 20 އިންސައްތަ މީހުންނަކީ ތިން މަސް ދުވަހުގެ ތެރޭގައި ނަފްސާނީ ބަލިތަައް ޖެހިފައިވާ މީހުންނެވެ.

ކޮވިޑް ޖެހިފައިވާ 236,379 މީހުންގެ ތެރެއިން 34 އިންސައްތަ މީހުންނަކީ ނާރާ ގުޅިފައިވާ ބަލިތަކާއި، ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު