ކެނެޑާގައި ކޮވިޑް-19 ގެ ތިން ވަނަ ރާޅު ވަރަށް ސީރިއަސް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް ވިދާޅުވެފައި ވަނީ ކެނެޑާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވީ އެ ގައުމުގައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންދާ މީހުން އިތުރުވެ، ވައިރަހުގެ ވޭރިއެންޓްތަކެއް ފެތުރެމުން ދާ ކަމަށެވެ.

ދުނިޔެއަށް ބަލާއިރު ގިނަ ގައުމުތަކެއްގައި ކޮވިޑްގެ ތިންވަނަ ރާޅުގައި ފައްސި އިތުރުވެ ގިނަ ބަޔެއްގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ ކޮވިޑް އާންމުންގެ ތެރެއިން ފިލައިގެން ދިޔައީ ކަމަށް ނުނިންމުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކެނެޑާ އިން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 23،000 މީހުން ވަނީ މަރުވެފައެވެ.

އޭނާ ވިދާޅުވީ ވައިރަސް ފެތުރުން ހުއްޓުމުގެ ގޮތުން ގައިދުރުކަން ބަހައްޓާ ރައްކާތެރި ވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

ހެލްތް އޮފިޝަލުން ބުނެފައިވަނީ އެގައުމުން ފެނިފައިވާ ކޮވިޑް ވޭރިއެންޓުގެ ތެރޭގައި ސައުތް އެފްރިކާއާއި، ބްރެޒިލް އަދި ޔޫކޭ އިން ފެނިފައިވާ ވޭރިއެންޓް ހިމެނޭ ކަމަށެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެފައިވަނީ މި ހަފްތާއަކީ ވޭތުވެ ދިޔަ 15 އަހަރު ތެރޭގައި އެންމެ މަސަައްކަތް ބުރަވީ ހަފްތާ ކަމަށެވެ.

ކެނެޑާގައި ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރަން ވަނީ ނިންމައިފައެވެ.