ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގޭގެ ބެލްކަންޏަށް ނުކުމެ ބަރަހަނާވި އަންހެނުންތައް ޑީޕޯޓު ކުރަން ނިންމައިފިއެވެ.

މި މައްސަލައިގައި ޔޫކްރެއިންގެ 11 އަންހެނަކާއި ރަޝިއާގެ ފިރިހެނަކު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވުމާއި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފަތުރާ ކަމުގެ މައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ.

އާންމު ތަންތަނުގައި ބަރަހަނާވެ އެފަދަ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ފެތުރުމަކީ ޔޫއޭއީގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށް ވުމުން ބަރަހަނާ ވެގެން ބެލްކަންޏަށް ނުކުތުމުގެ ސަބަބުން ހައްޔަރު ކުރެވިފައިވާ އަންހެނުންތައް އެގައުމުން ޑީޕޯޓު ކުރާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔޫއޭއީގައި އަންހެނުންތައް ބަރަހަނާވެގެން ބަރިއަކަށް އެތުރިގެން ތިބި މަންޒަރު ފެންނަ މަންޒަރު ދުނިޔޭގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.

ދުވާލު ގަޑީގައި ދުބާއީގެ މެރީނާ ސަރަހައްދުގައި އަންހެނުން ތަކެއް ބަރަހަނާ ވާކަމަށް ބުނެ އާންމު ވެފައިވާ ފޮޓޯތަކާއި ބެހޭގޮތުން ދުބާއީ ފުލުހުން ބުނެފައިވަނީ އެއީި އާންމުންގެ ސަމާލުކަން ހޯދަން ޖެއްސި ސްޓަންޓެއް ކަމަށެވެ.

ޔޫއޭއީގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފުވާ މީހުންނަށް ވަނީ އަދަބު ދިނުމަށް ހަމަޖެހިފައެވެ. އެގޮތުން ދެ ޖިންސުގެ މީހުން މަގުމަތީގައި ގައިގޯޅިވެ އުޅޭ ނަމަ އެ ބަޔަކު ޖަލަށްލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދުބާއީގެ އެޓާނީ ޖެނެރަލް، އިސާމް އީސާ އަލް ހުމައިދާން ވިދާޅުވީ މައްސަލަ ބަލާ ކޮމިޓީ އިން މި މައްސަލައިގެ ތަހުގީގު ނިމި، ހަމަޖެހިފައިވަނީ ދުބާއީއަށް އެނބުރި ނާދެވޭ ގޮތަށް އެމީހެއްގެ ގައުމަށް އެމީހަކު ފޮނުވާލުމަށް ކަމަށެވެ. މި ޖަރީމައިގައި ބައިވެރިވި އިތުރު އަންހެނުން ތަކެއްވެސް ވަނީ ހައްޔަރު ކުރެވިފައެވެ. އެކަމަކު އެމީހުންގެ ގައުމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.