އެމެރިކާގައި "ބާރުގަދަ ކޮވިޑް" ފެތުރެމުން އަންނަ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިންނާއި އެމެރިކާގެ ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޑަން އިން ބުނެފިއެވެ.

ފާއިތުވި ދެހަފްތާގައި އެމެރިކާގެ ފްލޮރިޑާއާއި ނިއުޔޯކާއި މިޝިގަން އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަންނަނީ އޭގެ ކުރީ ދެހަފްތާއަށްވުރެ އިތުރުވަމުންނެވެ. ބައެއް ސްޓޭޓްތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ވައިޓްހައުސް އިން މިއަދު ބުނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ "ބާރުގަދަ ކޮވިޑްގެ" ސަބަބުން ކަމަށެވެ.

އޮފިޝަލުން ބާރުގަދަ ކޮވިޑް ކަމަށް އިޝާރާތް ކުރަނީ އިނގިރޭސިވިލާތުން މީގެ ކުރިން ފެނިފައިވާ އަވަހަށް ފެތުރޭ ކޮވިޑްގެ ވޭރިއަންޓަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސީޑީސީގެ ޑިރެކްޓަރ ޑރ.ރޮޝެލް މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އިނގިރޭސިވިލާތުން ފެނުނު ކޮވިޑް ވޭރިއަންޓް އެމެރިކާގެ 50 ސްޓޭޓުން މިހާރު ފެނިފައިވާ ކަމަށެވެ.

ސީޑީސީ އިން ޖަނަވަރީ މަހު ވެސް ބުނެފައި ވަނީ ހާލަތު އޮތްގޮތައް ބަލާއިރު މާޗް މަސް ތެރޭގައި އެމެރިކާގައި އެންމެ ބޮޑަށް ފެތުރެމުން އަންނާނީ "ބީ117" ވޭރިއަންޓްގެ ކޮވިޑް ކަމަށެވެ. ސީޑީސީ އިން ލަފާކުރި ގޮތައް މާޗް މަހު އެމެރިކާގައި އާވައްތަރުގެ ކޮވިޑް ނުފެތުރުނު ސަބަބަކީ ވެކްސިން ޖެހުން އެމެރިކާގައި ވަރަށް ހަލުވިކޮށް ކުރިއަށް ދިއުން ކަމަށް ސީޑީސީ އިން ބުނެއެވެ.

ނަމަވެސް މިހާރު އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ގިނަ މީހުން ފައްސިވަމުން ދަނީ "ބީ117" އަށެވެ. މިވޭރިއަންޓް އަވަހަށް ފެތުރެމުން ދިޔަ ނަމަވެސް ކޮވިޑުން ދިފާއު ވުމަށް ދެމުން އަންނަ ވެކްސިންތަކުގެ ތެރެއިން އެއްވެސް ވެކްސިނަކަށް ނުހެލުން ފަދަ މައްސަލައެއް މިވޭރިއަންޓުން ވެސް ފާހަގައެއް ނުކުރެވެއެވެ.

އެމެރިކާ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ޖަނަވަރީ މަހު ތިން ލައްކަައަށް ވެސް އެރިއެވެ. ނަމަވެސް މިހާރު އެމެރިކާ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 60000 ގައެވެ.