އިންޑިއާ އިން މިއަދު ވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އިންޑިއާ ސަރުކާރުން ދެންމެ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިންޑިއާ އިން 124,936 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ މިހާތަނަށް އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑް ޖެހިގެން އިންޑިއާ އިން 677 މީހަކު ވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައިރު ވެސް އެއްދުވަސް ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. މިއަދަކީ އިންޑިއާ އިން ލައްކައަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވި ތިންވަނަ ދުވަހެވެ. މިމަހުގެ ތިން ވަނަ ދުވަހު އިންޑިއާ އިން ލައްކައަކަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ. ދެން ލައްކައަކަށްވުރެ ގިނަ މީހުން އިންޑިއާ އިން ކޮވިޑަށް ފައްސިވީ އިއްޔެ އެވެ.

މިއަދު ވެސް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ މަހާރާޝްތުރަ އިންނެވެ. މަހާރާޝްތުރަ އިން މިއަދު 59,907 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑް ބަލި މީހުންނަށް ދެމުން އަންނަ ބޭހެއް ކަމަށްވާ ރެމްޑެސިވިއާ އުފެއްދެން އޮތް އެންމެ ގިނަ މިންވަރަކަށް އުފައްދައި ދިނުމަށް މިއަދު އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ ބޭސް އުފައްދާ ކުންފުނިތައް ކިބައިން އެދިފައެވެ.

ހާލަތު ގޯސްވަމުން އަންނަ މުމްބާއީގެ ހުރިހާ އަތިރިމައްޗެއް ވެސް އޭޕްރީލް މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ބަންދުކުރަން މިއަދު ވަނީ ނިންމާފައެވެ.