އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު އިއްޔެ ވެސް ރެކޯޑް އަދަދެއްގެ މީހުން އިންޑިއާ އިން ކޮވިޑަށް ފައްސިވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިންޑިއާ އިން ވަނީ 131,893 މީހުން ކޮވިޑަށް ފައްސިވެ، 802 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.

އިއްޔެ އަކީ މިހާތަނަށް އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރ 17 ވަނަ ދުވަހަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން އިންޑިއާ އިން މަރުވީ ވެސް އިއްޔެ އެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަނީ އިންޑިއާގައި މިހާރު ފެތުރެމުން އަންނަ ކޮވިޑްގެ އާވައްތަރުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން މިހާރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ އެއް ސްޓޭޓަކީ މަހާރާޝްތުރަ އެވެ. މަހާރާޝްތުރަ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަހާރާޝްތުރައިގެ އޮފިޝަލުން އިއްޔެ ވަނީ އެ ސްޓޭޓަށް ބޭނުންވާ ވަރަށް އޮކްސިޖަން ވެސް ނެތް ކަމަށް ބުނެ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު އެއް ސްޓޭޓުން އަނެއް ސްޓާޓަށް ދަތުރުކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތައް ދަތުރު ކުރަމުންދާ ގިނަ މީހުންނަކީ ވަޒީފާ އަދާކުރަން އެހެން ސްޓޭޓްތަކުގައި ދިރިއުޅޭ މީހުންނެވެ. އެމީހުން، އެމީހުންގެ އަމިއްލަ ސްޓޭޓަށް އެނބުރި ދަނީ މިހާރު ހާލަތު ގޯސްވަމުންދާ ގޮތުން އިންޑިއާ ފުރަބަންދު ކޮށްފާނެތީއެވެ. ނަމަވެސް މިގޮތައް އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވުމަކީ ބަލި މިހާރަށްވުރެ ވެސް ބޮޑަށް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ސްޕީޑް އަވަސް ކުރެވޭތޯ އިންޑިއާ އިން މިހާރު އަންނަނީ އިތުރު މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    ވެކްސިންޖަ ހާގިނަމީ ހުން އަލުން ޕޮސިޓިވްވާތީތި ހެންތިވަނީ!!