ޕްރިންސް ފިލިޕް އަވަހާރަވުމުން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގަންނަވާއިރު ދާދިފަހުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް އޮޕްރޭ ވިންފްރޭ އަށް ދެއްވި އިންޓަވިއުގެ ސަބަބުން އާއިލީ މައްސަލަތައް މީޑިއާއަށް ފެންމަތިވެ އާއިލާގެ ގުޅުންތައް އިތުރަށް ވަނީ ގޯސްވެފައެވެ.

ޕްރިންސް ހެރީގެ ކާފާފުޅު ޕްރިންސް ފިލިޕްގެ ޖަނާޒާ އޮންނާނީ އަންނަ ހަފްތާގައި ކަމަށް ބެލެވެއެވެ. ޖަނާޒާ އޮންނާނީ އެސްޓީ ޖޯޖް ޗަޕެލްގައެވެ. ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގެންނެވި ނަމަވެސް މޭގަން އިނގިރޭސިވިލާތައް ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ މޭގަން މިހާރު އިންނެވީ ދެވަނަ ދަރިކަނބަލުންނަށް ބަލިވެ ކަމަށްވާތީ ދަތުރުފުޅު ކުރެއްވުން އެއީ މިހާރު ފަސޭހަފުޅު ކަމަކަށް ނުވާނެތީއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ޕްރިންސް ހެރީ އިނގިރޭސިވިލާތައް ވަޑައިގަންނަވާނީ ޕްރައިވެޓް ޖެޓެއްގައެވެ. އެމެރިކާ އިން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން ފަސް ދުވަހު ކަރަންޓީން ވާން ޖެހޭ ގޮތައް އުސޫލުތައް ހަމަޖައްސާފައި އޮތް ނަމަވެސް ޕްރިންސް ހެރީ އަށް ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން ޕްރިންސް ހެރީ އާއި މޭގަންގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާގެ މެންބަރުންނާއި އޮތް ގުޅުން ގޯސްވެގެން ދިޔައިރު ވެސް ރާނީ އެލިޒަބަތު ވަނީ ޕްރިންސް ހެރީ އާއި މާގަން އަށް ގަވައިދުން ފޯނުކުރައްވާ އެބޭފުޅުންގެ ހާލު ބައްލަވާފައި ކަމަށް މޭގަން ވިދާޅުވެފައި ވެއެވެ.