އިޓަލީވިލާތުން ކޮވިޑް ޖެހިގެން މިއަދު އިތުރު 718 މީހަކު މަރުވެއްޖެއެވެ. މިއަދަކީ މިދިޔަ އަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހަށް ފަހު އިޓަލީން އެންމެ ގިނަ ބަޔަކު ކޮވިޑް ޖެހިގެން މަރުވި ދުވަހެވެ.

އިޓަލީން މިއަދު 18,938 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދަކީ އޭޕްރީލް މަހުގެ 03 ވަނަ ދުވަހަށް ފަހު އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އެއް ގައުމެވެ. އަދި ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ވެސް އިޓަލީ ހިމެނެއެވެ.

މިހާތަނަށް 3.7 މިލިއަން މީހުން އިޓަލީން ވަނީ ކޮވިޑަށް ފައްސިވެފައެވެ. ކޮވިޑް ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު 113,579 އަށް އަރައެވެ.

އިޓަލީން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިއަދު އިތުރުވި ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ހަ ސަރަހައްދެއްގައި އަޅާފައިވާ ފިޔަަވަޅުތަކަށް މިއަދު ވަނީ ލުއިތައް ދީފައެވެ. އިޓަލީ ސަރުކާރުން ބުނީ ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް މިއަދު ލުއި ދިނީ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ފާއިތުވި ހަފްތާގައި އޭގެ ކުރީ ހަފްތާއަށްވުރެ މަދުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދެއްކުމުންނެވެ.

ނަމަވެސް އަދިވެސް ހަތަރު ސަރަހައްދެއްގައި ބަލީގެ ނުރައްކާ ބޮޑުކަމަށް ފާހަގަ ކުރެވޭތީ އެސަރަހައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އަދި ދަމަހައްޓަން ވަނީ ނިންމާފައެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އަދިވެސް ވަރަށް ގިނައެވެ. އެހެންކަމުން ސިއްހީ ހާލަތައް މިހާރު ވެސް ބާރުބޮޑުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު