3000 އަހަރުވެފައި އޮތް "ރަން ސިޓީއެއް" މިސްރުގެ އާކިއޮލޮޖިސްޓުން ހޯދައިފިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގެ ދެކުނުން 300 މޭލު ދުރުން ނީލަ ކޯރުގެ އައްސޭރިފަށުން ފެނުނު މިސިޓީ ހޯދި އާކިއޮލޮޖިސްޓުން ޓީމްގެ އިސްވެރިޔާ ޒާހީ ހައްވާސް ވިދާޅުވީ މިއީ މިސްރުގެ ވެރިކަމުގައި އަމެންހޮޓެޕް ހުރި ދުވަސްވަރު ބިނާކުރި ސިޓީއެއް ކަމަށެވެ.

"މީގެ ކުރިން ވެސް މިސިޓީ ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ. ދުނިޔޭގެ އެކި ގައުމުތަކުގެ އާކިއޮލޮޖިސްޓުން ވެސް މީގެ ކުރިން މިމަސައްކަތުގައި ބައިވެރިވެފައިވޭ. ނަމަވެސް ކުރި މަސައްކަތުން މިހާތަނަށް މިސިޓީ އޮތީ ނުހޯދިފައި." ހައްވާސް ވިދާޅުވިއެވެ.

މިސްރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ ފިރުއައުނު ތޫތުގެ ގަބުރު 1922 ވަނަ އަހަރު ފެނުނު ފަހުން މިސްރުން ފެނުނު އެންމެ ބޮޑު، އަދި އެންމެ މުހިއްމު އާސާރެވެ.

އާކިއޮލަޖިސްޓުން ބުނާ ގޮތުގައި ވަޅުލެވިފައި އޮއްވާ ފެނުނު ސިޓީގެ އިމާރާތްތައް ވެސް ވަނީ ވަރަށް ފުރިހަމައަށް ބިނާކޮށްފައެވެ. މިސިޓީގައި ހުރި އިމާރާތްތައް އަދިވެސް ހަލާކުނުވެ ވަރަށް ފުރިހަމައަށް އެބަހުރި ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

ސިޓީގައި ދިރިއުޅުނު މީހުން ބޭނުންކުރި ތަކެތި ވެސް ހަލާކުނުވެ އެބަހުއްޓެވެ. ނަމަވެސް އެއްވެސް އިންސާނެއްގެ ހަށިގަނޑު ނުވަތަ ކަށިތައް ފަދަ އެއްވެސް އެއްޗެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. އެހެންވެ އާކިއޮލޮޖިސްޓުން ލަފާކުރަނީ މިސިޓީ ފަޅުވެފައި ވަނީ ސިޓީގައި ދިރިއުޅުނު މީހުން ސިޓީ ދޫކޮށް ދިއުމުންނެވެ.

މިސްރަކީ ވަރަށް ގަދީމީ ތާރީޚެއް އޮތް ގައުމެކެވެ. މިސްރުން މީގެ ކުރިން ވެސް ވަނީ ގަދީމީ އެތައް ސަހަރެއް މިގޮތައް ފެނިފައެވެ.