މިއަދު ކުރިއަށް ދިޔަ ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މާމެންދޫ ދާއިރާގެ އިންތިހާބު ވެސް އެމްޑީޕީއަށް ނާކާމިޔާބު ވެއްޖެއެވެ.

ހިތަދޫ މާމެންދޫ ދާއިރާއަށް އެމްޑީޕީ އިން ވާދަކުރެއްވީ ޖަމްޝީދާ މުހައްމަދުއެވެ. މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރާނީ އަމިއްލަ ގޮތުން ވާދަކުރެއްވި ހިތަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު އަދާލާ ރަޝީދުއެވެ.

ސ. ހިތަދު އަށް އުފަން އަދާލާ ރަޝީދަކީ ތައުލީމީ އަގުހުރި ހިދުމަތްތަކެއް މުޅި ސިޓީއަށް ކުރެއްވި ބޭފުޅެކެވެ. އަދާލާގެ ތައުލީމީ ދާއިރާގެ ތަޖުރިބާއަށް ބަލާއިރު 11 އަހަރު ކިޔަވައި ދިނުމުގެ ދާއިރާގައި އަދި ނުވަ އަހަރު މެނޭޖްމެންޓް ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. ތައުލީމީ ޖީލެއް ބިނާ ކުރުމުގެ މަސައްކަތުގައި މުދައްރިސެއްގެ މަގާމުގެ އިތުރުން އޭނާ ވަނީ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމު ވެސް ފުރުއްވައިފައެވެ.

އަދާލާ މީގެކުރިން "ވަގުތަށް" ވިދާޅުވީ ހިތަދޫ މާމެންދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންފި ނަމަ މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް އަވަހަށް ފެށުމަށް އޭނާ ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. ރަށުގައި ހިންގޭ ޕްރޮޖެކްޓްތައް ހަލުވިސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް ހަރުދަނާ އުސޫލެއްގެ މަތިން ކަންތައްތައް ތަރުތީބު ކުރެވިގެންދާންޖެހޭ ކަމަށް ވެސް އަދާލާ ގަބޫލު ކުރެއެވެ.

އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ ވެސް އިސްކަންދޭނެ ކަމެއްކަމުގައި އަދާލާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޒުވާނުންގެ ހުނަރުތައް ނެރެ ތަރައްގީ ކުރުމާއި، ފުދުންތެރި ޖީލެއް ބިނާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ފަރާތަކަށް ވާނެކަމަށް އަދާލާ ވިދާޅުވެއެވެ.

ސިޓީގައި ހުރި އިޖްތިމާއީ މައްސަލަތައް ހޯދައި ބަލައި އެފަދަ ކަންތަކަށް ރައްޔިތުން ހޭލުންތެރި ކުރުމާއި އަދި އެކަށީގެންވާ ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ފަރާތަކަށްވާނެ ކަމުގެ ޔަގީންކަންވެސް އަދާލާ ދެއްވައެވެ.