ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި މީހުންގެ ތެރެއިން ބައެއް މީހުން ލޭ ގަނޑުވުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެ، އެކަން ބަލައި ތަހުގީގް ކުރަމުންދާ ކަމަށް ޔޫރަޕިއަން މެޑިސިން ރެގިއުލޭޓްރީ އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ ވެކްސިން ޖެހުމުން ބައެއް މީހުން ލޭ ގަނޑުވެ ފުރާނައަށް ނުރައްކާވާ ހާލަތެއް މެދުވެރިވެފައިވާ ކަމަށާއި، ވެކްސިން ޖެހި މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާތީ އެކަން ތަހުގީގް ކުރަމުން ގެންދާ ކަމަށެވެ. ޖޯންސަން އެންޑް ޖޯންސަން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ ދީފައެވެ.

ލޭ ގަނޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ބުނެ މިހާތަނަށް ބައެއް ހިސާބުތަކުގަައި ވަނީ މި ވެކްސިން ދިނުން ހުއްޓާލައިފައެވެ. ޖޯންސަން އެންޑް ޖޯންސަން ވެކްސިން ދިނުން ޖޯޖިއާގައި ވަނީ ހުއްޓާލައިފައެވެ. މި ސްޓޭޓުގައި މި ވެކްސިން ދިނުން ހުއްޓާލައިފައި ވަނީ ވެކްސިން ޖެހި އަށް މީހަކު ލޭ ގަނޑުވުމުގެ މައްސަލަ ރިޕޯޓު ކުރުމުންނެވެ.

މިދިޔަ ހަފްތާގައި އުތުރު ކެރޮލިނާ އިން ވަނީ 18 މީހަކަށް ވެކްސިނުގެ ސައިޑް އިފެކްޓް ކުރިކަމަށް ރިޕޯޓު ކޮށްފައެވެ. ކެލޮރާޑޯގައި ވެކްސިން ޖެހި 11 މީހަކު ބޯ އަނބުރައި، ނޭވަޔަށް ކުރުވެ ވަރުބަލިވާ ކަމަށް ވަނީ ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހާ މީހުންގެ ތެރެއިން މަދު ބަޔަކަށް ލޭ ގަނޑުވުން ފަދަ ކަންކަން ވެގެން ދާއިރު ސަބަބު އަދި ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު