ޕާކިސްތާންގެ ނެޝަނަލް ހައިވޭ އޮތޯރިޓީ (އެންއެޗްއޭ) ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ފަންޑު ނުލިބި ދިގުލަމުން އަންނާތީ ބައެއް މަޝްރޫއުތައް ނުހިނގި ހުއްޓިފައިވާ ކަމަށް ދުނިޔޭގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެންއެޗްއޭ އަށް ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ. އެހެންވެ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާ އިރު، އަނެއް ބައި މަޝްރޫއުތައް ހުއްޓާލަން ޖެހިފައިވާ ކަމަށްވެއެވެ. މީގެތެރޭގައި ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) ގެ ދަށުން ހިންގަމުން އަންނަ އުމްރާނީ މަޝްރޫއުތައް ވެސް ހިމެނެއެވެ.

މަޝްރޫއުތަކުގެ އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި ކައިަ ޕަކްޓުންކްވަ އާއި ޕަންޖާބާއި ބަލޮޝިސްޓަން ހިމެނެއެވެ.

ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބްރިޖާއި ނެޝަނަލް ހައިވޭ ފަދަ ތަންތަން ހިމެނެއެވެ. ޕާކިސްތާންގެ ސަރުކާރުން ވަނީ މިދިޔަ އަހަރާއި މި އަހަރު ބަޖެޓުން އެންއެޗްއޭގެ ދަށުން ހިންގާ މަޝްރޫއުތަކަށް 119 ބިލިއަން ރުފީސް ހާއްކޮށްފައެވެ.

އެކަމަކު، މި މަޝްރޫއުތައް ހިންގުމަށް މިހާތަނަށް އައިއިރު ދޫކޮށްފައިވަނީ އެންމެ 30 އިންސައްތަ ފަންޑެވެ. މިއީ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމަން ލިބޭނެ އުނދަގުލެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ބުނީ މަޝްރޫއުތަކަށް ދޭން ޖެހޭ ފަންޑުގެ ތެރެއިން ފުރަތަމަ ކުއާޓާގައި ދޭން ޖެހޭ ފަންޑުތައް އޭޕްރީލް މަހު ދީފައިވާ ކަމަށެވެ. އެކަމަކު، އެ ފަންޑު ދޭން ޖެހެނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށްވެއެވެ.

ފަންޑު ނުލިބި ލަސްވެގެން ބައެއް ކުންފުނިތަކުން ކްރެޑިޓަށް ފައިސާ ނަގައިގެން މަޝްރޫއުތައް ނިންމަމުންދާ ކަމަށްވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު