އީރާންގެ ނަތަންޒް އެޓޮމޮކް ފެސިލިޓީން ކަރަންޓް ދުއްވާލާ، އެތަނުގެ ހިދުމަތްތައް މިއަދު ހުއްޓުމަކަށް ގެނެސްފައި ވަނީ "ނިރުބުވެރިންގެ ހަމަލާއަކުން" ކަމަށް އީރާނުން ބުނެފިއެވެ.

ނަތަންޒް އެޓޮމޮކް ފެސިލިޓީ އަކީ އީރާނުން ނިއުކްލިއާ ހަކަތަ އުފައްދަން ބޭނުން ކުރާ ފެސިލިޓީއެކެވެ. އެތަނުން އީރާންގެ ބޮޑު ސަރަހައްދަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެއެވެ.

އީރާންގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގެ ވެރިޔާ އަލީ އަކްބަރު ސަހާހީ މިއަދު ވިދާޅުވީ ނަތަންޒް އެޓޮމޮކް ފެސިލިޓީގެ ހިދުމަތް ކުޑަ ވަގުތުކޮޅަށް މިއަދު މެދުކެނޑިގެން ދިޔައީ "ނިރުބުވެރި ނިއުކްލިއާ ހަމަލާއެއްގެ ސަބަބުން" ކަމަށެވެ. ނަމަވެސް އެހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ބެލެވޭ ގޮތުގައި އީރާނުން މިކަމުގެ ތުހުމަތު އަޅުވާނީ އިސްރާއީލްގެ ބޮލުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާންގެ އެޓޮމިކް ފެސިލިޓީއަށް މައްސަލައެއް ކުރިމަތިވިކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ވެސް އިސްރާއީލުންނެވެ. އިސްރާއީލްގެ އިންޓެލިޖެންސް އެޖެންސީ އާއި ހަވާލާދީ ކަމަށް ބުނެ އިސްރާއީލްގެ މީޑިއާތަކުން ބުނެފައި ވަނީ އީރާންގެ އެޓޮމިކް ފެސިލިޓީއަށް އަމާޒުވީ ސައިބާ ހަމަލާއެކެވެ.

އީރާނަށް އިސްރާއީލުން ސައިބާ ހަމަލާއެއް ދީފައިވާނަމަ އެއީ އަނެއްކާވެސް ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު ވެސް އިސްރާއީލާއި އީރާނުގެ ގުޅުން ވަރަށް ގޯހެވެ. ދެގައުމުގެ ދެމެދުގައި ދެންމެދެންމެ ހަމަލާތައް ބަދަލުކުރަން ފަށާ ހިސާބަށް ކަންތައްތައއް އަބަދުވެސް އޮންނަނީ ގޯސްވެފައެވެ.

އީރާންގެ މަދަނީ ނިއުކްލިއާ ޕްރޮގްރާމްގެ ތަރުޖަމާން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަތަންޒް ފެސިލިޓީން ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް އަދި ސާފުނުވާ ކަމަށެވެ. އެތަނުގައި ހިނގި ކަންކަން އިތުރަށް ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނަތަންޒް އެޓޮމިކް ފެސިލިޓީ އަކީ ބިމު އަޑީގައި ބޮޑު ބައެއް ހުންނަ ފެސިލިޓީއެކެވެ. ހުޅަނގުގެ ގައުމުތަކުން އީރާނުން ސިއްރުން ނިއުކްލިއާ ހަކަތަ ތަރައްގީ ކުރާކަމަށް ފުރަތަމަ ތުހުމަތު ކުރީ ވެސް 2002 ވަނަ އަހަރު ނަތަންޒް ފެސިލިޓީ ތަރައްގީ ކުރުމުންނެވެ.