މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ވެސް ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރޯޔަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާގެ އެއްވެސް ސަރަހައްދަކަށް ރަމަޟާން މަހުގެ ހަނދު މިއަދު ފެނިފައި ނުވާތީ ޝައުބާން މަހުގެ 30 ވަނަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ދިވެހިރާއްޖެ އިން ވެސް ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް މިހާރު ކަނޑައަޅާފައެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އިންޑޮނޭޝިއާ، ލުބުނާން، މޮރޮކޯ، ސީރިއާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ޤަތަރު، ކުވޭތު، އޮމާން، ބަހްރޭން، ތުރުކީ އިން ވެސް މިހާރު ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާން އަބްދުﷲ ބިން ސަލްމާން ވަނީ ރަމަޟާން މަހުގެ ހެޔޮ އެދުންތައް އިސްލާމީ ގައުމުތަކަށާއި ހުރިހާ މުސްލިމުންނަށް ފޮނުއްވާފައެވެ.

ރަސްގެފާން ސަލްމާން ވަނީ ކޮވިޑްގެ ނުރައްކާ އަދިވެސް އޮތުމުން ރަމަޟާން މަހު މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ކުރާ ތަރާވީހް ނަމާދު ކުރު ކުރަން އަންގާފައެވެ. ރަސްގެފާން ވިދާޅުވީ ތަރާވީހް ނަމާދުގައި މިއަހަރު 20 ރަކުއަތް ކުރުމުގެ ބަދަލުގައި 10 ރަކުއަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މަސްޖިދުލް ހަރާމްގައި ރަމަޟާން މަހު ނަމާދު ކުރެވޭނީ ސައުދީ ސަރުކާރުން ހާއްސަ ކޮށްފައިވާ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުރިން ބްކިން ހައްދައިގެންނެވެ. އެއީ މިސްކިތްތައް ވަންނަ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.