ޗައިނާ އިން އޮސްޓްރޭލިއާގެ ކޯލް އިމްޕޯޓު ނުކުރަން ފެށުމުން އިންޑިއާއަށާއި އިންޑޮނޭޝިއާއަށް ފައިދާ ބޮޑުވާން ފެށިއެވެ. މިއީ ދުނިޔޭގެ ކޯލް ވިޔަފާރިއަށް އަންނަ ބޮޑު ބަދަލަކަށް ވެގެން ހިނގައިދާނެއެވެ.

އެންމެ ގިނައިން ކޯލް އެކްސްޕޯޓު ކުރާ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އޮސްޓްރޭލިއާގެ ކޯލްއަށް އިންޑިއާއިން ކުރާ ޑިމާންޑު މިހާރު ވަނީ އިތުރު ވެފައެވެ. މި ބަދަލު އައ ޗައިނާއިން އޮސްޓްރޭލިއާގެ ކޯލް އިމްޕޯޓު ނުކުރަން ފެށުމުންނާއި އޮސްޓްރޭލިއާއިން ކޯލްގެ އަގު ހެޔޮ ކުރުމުން ކަމަށެވެ.

ޗައިނާއިން މިދިޔަ އަހަރު އޮސްޓްރޭލިއާގެ ބައެއް އުފެއްދުންތައް އިމްޕޯޓު ކުރުން ހުއްޓާލުމާ އެކު ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަން ވަނީ ހީނަރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރު ޗައިނާއަށް 57 އިންސައްތަ ކޯލް އިމްޕޯޓު ކޮށްފައިވެއެވެ. އޭގެ ތެރެއިން 40 އިންސައްތަ އަކީ އޮސްޓްރޭލިއާއިން އިމްޕޯޓު ކޮށްފައިވާ ކޯލް ކަމަށް ޗައިނާގެ ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޮސްޓްރޭލިއާގެ އުފެއްދުންތައް ޗައިނާއިން އިމްޕޯޓު ނުކުރަން ފެށުމުން އިންޑިއާގެ އިތުރުން ބައެއް ގައުމުތަކަށް ފައިދާ ވާން ފެށިއެވެ. އެގޮތުން އިންޑޮނޭޝިއާ އަށާއި، މޮންގޯލިއާ އަދި ރަޝިއާއަށް ފައިދާ ވާކަން ފާހަގަ ކޮށްލެވެއެވެ. އޮސްޓްރޭލިއާއިން އިމްޕޯޓު ކުރަމުންދިޔަ ކޯލްގެ ބަދަލުގައި ޗައިނާއިން މިހާރު ގިނަ އަދަދަކަށް ކޯލް އިމްޕޯޓު ކުރަމުންދަނީ އިންޑޮނޭޝިއާއިންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ދެގައުމުގެ މެދުގައި 4.5 ބިލިއަން ޑޮލަރުގެ ސަޕްލައި ޑީލްއެއް ކުރެވިފައެވެ.

އެންމެ ގިނައިން ކޯލް އިމްޕޯޓު ކުރާ ޗައިނާއިން ކޯލްގެ ވިޔަފާރިއަށް ގެނެވުނު ބަދަލާ ގުޅިގެން އިންޑިއާގެ ކޮމްޕެނީތަކުގެ ވެރިންނަށް ފައިދާވެއެވެ. ޑިސްކައުންޓަކާއެކު އޮސްޓްރޭލިއާގެ ކޯލް އިންޑިއާއަށް ގަންނަމުން ދާއިރު، އެގައުމުން ދެ ވަނައަށް އެންމެ ގިނައިން ކޯލް އިމްޕޯޓު ކުރާ ގައުމަކަށް އިންޑިއާ ވަނީ ވެފައެވެ. ނަމަވެސް، ޗައިނާއިން ކޯލް އިމްޕޯޓު ކުރާ ނަމަ ބޮޑު އަގު ދީފައި ދަށް ކޮލިޓީގެ ކޯލް އެހެން ގައުމުތަކުން ގެންނަން ޖެހުމުން ޗައިނާގެ ކޯލް އިމްޕޯޓު ކުރާ މީހުންގެ ޝަކުވާ ވަނީ ގިނަވެފައެވެ.

ޗައިނާއިން އޮސްޓްރޭލިއާގެ ކޯލް އިމްޕޯޓު ކުރުން ހުއްޓާލުމުން، އޮސްޓްރޭލިއާއިން ޗައިނާއަށް ކޯލް އިމްޕޯޓު ކުރާ މިންވަރު 47 އިންސައްތައަށް ދަށް ވެފައިވެއެވެ. މިއާއެކު އޮސްޓްރޭލިއާގެ ޖުމުލަ ކޯލް އެކްސްޕޯޓު ވަނީ ހަތް އިންސައްތައަށް ވުރެ ބޮޑަށް ދަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ފޭދޫ

    ޗައިނާއިން އޮސްޓްރޭލިއާގެ ކޯލް އިމްޕޯޓު ކުރުން ހުއްޓާލުމުން، އޮސްޓްރޭލިއާއިން ޗައިނާއަށް ކޯލް އިމްޕޯޓު ކުރާ މިންވަރު 47 އިންސައްތައަށް ދަށް ވެފައިވެއެވެ. ކީކޭތަ މިކިޔަނީ؟