ކޮވިޑް ހާލަތު މިހާރު މުޅި ދުނިޔެ އިން ވެސް އެންމެ ބޮޑަށް ގޯސްވެފައިވާ އިންޑިއާ އިން އިއްޔެ ވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އިންޑިއާ ސަރުކާރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ވަނީ 169,914 މީހުން ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ އަކީ މިހާތަނަށް އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މާޗް މަހުގެ 08 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ. އޭޕްރީލް މަހުގެ 04 ވަނަ ދުވަހަށް ފަހު ކޮންމެ ދުވަހަކު ވެސް އެގައުމުން ފައްސިވާ މީހުންގެ އަދަދު ހުރީ ލައްކައަކަށްވުރެ މަތީގައެވެ.

އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 13.5 މިލިއަނަށް އަރައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ އިންޑިއާ އިންނެވެ. ކޮވިޑް ޖެހިގެން އިންޑިއާ އިން މިހާތަނަށް 170,209 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އަދިވެސް އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް 63000 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މަހާރާޝްތުރަ މިހާރު އޮތީ ފުރަބަންދު ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް ގިނަ ވުމުގެ ސަބަބުން ވަރަށް ގިނަ ހޮސްޕިޓަލްތައް މިހާރު ވަނީ ފުރިފައެވެ. އަދި ބައެއް ހޮސްޕިޓަލްތަކުން ބޭސް ވެސް ހުސްވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކޮބާތަ ތި ޖެހި ކޮވިޝީލްޑް

    • ރައިހާނާ އަލީ

      ކޮވިޝީލްޑްޖެހި ގިނަބަޔަކަށް އަލުންބަލިހުނީކަ މަށްބެލެވެނީ ؟ އޭގެތެރެއިންވެސްގިނައީ ދެވަނަޑޯޒް ޖަހައިގެންތިބި މީހުންހެހީވަނީ ؟ ދެރަކަ މެއް އަދި ހިތާ މަހުރިކަ މެއް.

  2. ކޮވެލި

    އިންޑިއާ މީހުންނުގެނެސްވެސްވާކަށްނެތް. އެހެންވީ މާ ތިކަ މުގެނުރައްކާ އެން މެބޮޑީ އަހަރެ މެންދިވެހިންނަށް !!

  3. އަޙްމަދް

    ކޮވިޑް19 އޭ މިކިޔާ އެއްޗަކީ ސިޔާސީ މީހުން އެމީހުންގެ ސީޔާސީ ކުޅިބައި ރާވަން ގެންގުޅޭ ގޮނޑިއެވެ.
    އަދީ ވެކްސިނާއި ބޭސް އުފައްދާ ކުންފުނި ތަކުން އެމީހުންގެ ވިއަފާރި ރާވާހިންގަން ބޭނުންކުރާ ކުޅިބަޔެކެވެ.