ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯޗާ އެގައުމުގެ ނޫސްވެރިންގެ ގަޔަށް ސެނިޓައިޒަރ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އެގައުމުގެ ވަޒީރުންނާއެކު ކުރިއަށްގެންދެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނިންމާލުމަށްފަހު ބޮޑުވަޒީރު އެގޮތަށް އަމަލު ކުރެއްވުމަށް ގިނަ ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ބޮޑު ވަޒީރު އެގޮތަށް އަމަލު ކުރައްވާފައި ވަނީ ކެބިނެޓް ބައްދަލުވުމާއި ގުޅިގެން ނޫސްވެރިން ސުވާލުތައް ކުރުމުން އެކަމާއި ނުރުހުންވެވަޑައިގެންނެވެ.

އެގޮތުން ނޫސްވެރިއަކު ސުވާލެއް ކުރުމުން ރުޅި އިސް ކުރައްވާ ބޮޑު ވަޒީރު ވަނީ ނޫސްވެރިއާއި ދިމާލަށް އަޑުހަރުކޮށް ވާހަކަ ދައްކަވާފައެވެ. އަދި އެއީ ހަމަ އެކަނި އެމަނިކުފާނަށް އެނގިވަޑައިގަންނަވަން ޖެހޭ ވާހަކަފުޅެއް ކަމަށާއި އެފަދަ ސުވާލެއް ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ ފުރަތަމަ ސަފުގައި ތިބި ނޫސްވެރިންގެ ގަޔަށް ސެނިޓައިޒަރ ޖައްސަވަން ފަށާފައެވެ. އެމަންޒަރު ގިނަ ބަޔަކު ވަނީ ވީޑީއޯ ވެސް ކޮށްފައެވެ.

މިއީ އެފަދަ ސުވާލައަކަށް އޭނަ އެގޮތަށް އަމަލު ކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގައި ވެސް އޭނާ ވަނީ އޭނާގެ ސިފައިގައި ކަރުދާހުން ކުރަހާފައިވާ ބުދެއް މައިކު ކައިރީ ބަހައްޓާފައި ސުވާލު ކުރުމަށް ނޫސްވެރިންގެ ކައިރީ ބުނެފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އޭނާ ވަނީ އަމާޒުވެފައެވެ.