ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން އިތުރު 160000 އަށްވުރެ ގިނަ މީހުން ފައްސިވެ އިތުރު 880 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 160,694 މީހަކު ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13,686,073 އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 880 މީހަކު މަރުވެފައި ވުމުން، އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 171,089 އަށް އަރައެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެންމެ ގިނަ ބަޔަކު ފައްސިވަމުން އަންނަނީވެސް އެޤައުމުންނެވެ. އިއްޔެވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުންނަށް މި ބަލި އަލަށް ޖެހިފައި ވެއެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް އެތައް ހާސް ބަޔަކު އަލަށް ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން އެ ސްޓޭޓް މިހާރު އޮތީ ފުރަބަންދުވެސް ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގައި އިންޑިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން ތިންނވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 12 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ބައްޔަށް ފަރުވާ ކުރަމުން އަންނަނީ 1.2 މިލިއަން މީހަކަށެވެ. މީގެތެރެއިން 8900 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 137 މިލިއަން މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 2.9 މިލިއަން މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު