ކޮވިޑް-19 އަށް އިންޑިއާ އާއި ބްރެޒިލުން ފައްސިވާ މީހުންގެ އަަދަދު އާދަޔާއި ހިލާފަށް އިތުރުވެފައި އޮތްނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ފެންނަ މަންޒަރުތަކާއި، ލިބެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު ބަލި ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދިދާނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައްދީ އިގުތިޞާދު ހުޅުވާލަން ޑަބްލިއުއެޗްއޯ އިން ވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުން މުޖުތަމައުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން. އިގުތިޞާދު ހުޅުވާލަން. ދަތުރުކުރުމުގެ ފުރުސަތުތައް ފަހިވާން. ވިޔަފާރިތައް ހުރި ދަތިތައް ނައްތާލަން. ނަމަވެސް މިކަންކަން ކުރަން އަދިވެސް ދިގު މުއްދަތެއް ނަގާފާނެ." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ކޮވިޑް ޖެހިގެން ބައެއް ގައުމުތަކުން މަރުވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް މިހާރުވެސް ބައެއް ގައުމުތަކުގެ އައިސީޔޫތައް ފުރިފައިވާ ކަމަށާއި، ބައެއް ގައުމުތަކުން ކޮންމެ ދުވަހު އެތައް ސަތޭކަ ބަޔަކު މަރުވަމުންދާ ކަމަށެވެ.

"ކޮވިޑްގެ ބަލިމަޑުކަން އަދި ނިމޭކަށް ނޫޅޭ. އެކަމަކު މިއަހަރު ފުރަތަމަ ދެމަސް ދުވަހު ލިބުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިބަލިމަޑުކަމުން ވަރަށް އަވަހަށް ސަލާމަތް ވެވިދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑުވެއްޖެ." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ މިހާތަނަށް ކޮވިޑުން ދިފާއުވުމަށް 780 މިލިއަން މީހުންނަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށެވެ. ވެކްސިން ދިނުން ބައެއް ސަރަހައްދުތަކުގައި ކުރިއަށް ދަނީ އެކަށީގެންވާ ވަރަށްވުރެ ލަހުން ކަމަށް ވީނަމަވެސް ވެކްސިން ދިނުން ކުރިއަށް ގެންދެވުމަކީ ވެސް ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.