ކޮރޯނާވައިރަސް ފަދަ އިތުރު ނުރައްކާތެރި ބައްޔެއް ފެތުރުމުގެ ފުރުސަތު ހަނި ކުުރުމުގެ ގޮތުން ދިރޭ ޖަނަވާރު މާރުކޭޓުތަކުގައި ވިއްކުން އެއްކޮށް ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލައިފައިވަނީ ހުރިހާ ގައުމެއްގައި 'ދިރޭ ޖަނަވާރު' ވިއްކުން މަނާ ކުރުމަށެވެ. މިއީ ކުރިޔަތް އޮތް ތާންގައި ފެތުރިދާނެ ބަލިމަޑު ކަމަކަށް ވިސްނާ އެ ޖަމުއްޔާއިން ނިންމާފައިވާ ނިންމުމެކެވެ.

މީގެ ކުރިން އެ ޖަމިއްޔާއިން ވިދާޅުވެފައި ވަނީ ދިރޭ ޖަނަވާރު ވިއްކާ މާރުކޭޓު ތަކުގައި ސާފް ތާހިރު ކަމަށް އިސްކަން ދިނުމަށެވެ. އެ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިން ގޮވާލައިފައި ވީ ނަމަވެސް، މިހާރު އެ ޖަމުއްޔާއިން އަންގާފައިވަނީ ދިރޭ ޖަނަވާރު ވިއްކުން މުޅިން ހުއްޓާލުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޗައިނާ ގުޅިގެން ވަނީ ކޮރޯނާވައިރަހުގެ އަސްލު ހޯދުމުގެ ގޮތުން ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ވައިރަސް ފެތުރުމަށް މެދުވެރިވި ސަބަބެއް ކަމުގައި އެންމެ ބޮޑަށް ބުރަވެވެނީ ދިރޭ ޖަނަވާރާއި މަރުވެފައިވާ ޖަނަވާރުތައް ވިއްކަމުންދާ މާރުކޭޓު ތަކުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލުން ވަނީ ވައިރަހުގެ އަސްލާއި، ވައިރަސް އުފެދުނު ގޮތެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޖަނަވާރުންގެ ހައްގުގައި މަސައްކަތް ކުރާ ޕީޓައިން ވަނީ ޖަނަވާރުތައް ކާނަަމަ ވައިރަހެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރު ޕީޓާއިން ދީފައިވަނީ ވޫހާން ސިޓީގައި ވާ ކައިގެން ކޮރޯނާވައިރަސް ފެތުރުން ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.