ޖޯންސަން އެންޑް ޖޯންސަން ވެކްސިން ހުއްޓާލުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް (ސީޑިީސީ) އިން ގޮވާލައިފިއެވެ.

އެއް ޑޯޒުން ކޮވިޑް ވައިރަހުން ދިފާއު ކޮށްދޭ ކަމަށް ބުނާ މި ވެކްސިން ހުއްޓާލުމަށް ގޮވާލައިފައި ވަނީ އެމެރިކާގައި އެ ވެކްސިން ޖެހި ހަ މީހަކަށް ލޭ ގަނޑުވުމުގެ މައްސަލަ ދިމާވުމުންނެވެ.

އެެމެރިކާގައި ހަތް މިލިއަން މީހުން މި ވެކްސިން ޖަހާފައި ވެއެވެ. މާނަ އަކީ ވެކްސިނުން ލޭ ގަނޑުވާ މައްސަލަ ދިމާވެފައިވަނީ އޭގެ ތެރެއިން 0.0001 އިންސައްތަ މީހުންނަށެވެ. އެ ގައުމުގައި ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހައިގެން ލޭ ގަނޑުވުމުގެ މައްސަލަ ދިމާވެފައިވަނީ 48-18 އަހަރާއި ދެމެދުގެ ހަ މީހަކަށެވެ.

ސީޑީސީ އިން ބުނެފައިވަނީ ވެކްސިން ޖެހުމަށް އިތުރު ނުވަ މިލިއަން ޑޯޒް ސްޓޭޓް ތަކަށް ފޮނުވިފައިވާ ކަމަށެވެ. ދެ އޮތޯރިޓީއިން ގުޅިގެން ނިންމި ނިންމުމުގައި ބުނެފައިވަނީ އެމީހުން އެދެނީ މި ވެކްސިން ޖެހުން ހުއްޓާލަން ކަމަށެވެ.

ވެކްސިނުގެ އިތުރު ތަހުލީލްތައް ކުރުމަށް ބުދަ ދުވަހު އެޑްވައިޒަރީ ކޮމިޓީ އޮފް އިމިއުނިޒޭޝަން ޕްރެކްޓިސް (އޭސީއައިޕީ) އާއި ބައްދަލު ކުރުމަށް ނިންމާފައެވެ.

އެފްޑީއޭ އިން ވެކްސިނުގެ އިތުރު ތަހުގީގް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ތަހުގީގާއި ތަހުލީލް ތަކުގެ މަރުހަލާ ނިމެންދެން އެފްޑީއޭ އިން އެދެނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ދިނުން މަޑު ޖައްސާލުމަށެވެ.

އެމެރިކާގައި މިހާރުވެސް މިލިއަނެއްހައި މީހުން ދަނީ ވެކްސިން ޖަހަމުންނެވެ. ސީޑީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމެރިކާގެ 19.4 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު