ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، މިބަލީގައި އިތުރު ހާހަކަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 185,248 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

އިއްޔެ އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއި ގުޅިގެން އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 13.8 މިލިއަނަށްވުރެ މަތީގައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ މި ބަލީގެ ނުރައްކާ އިތުރުވަމުން އަންނައިރު އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ ޢަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 1,026 މީހަކު ކޮވިޑް-19 ގައި މަރުވެފައިވާ ކަމަށް އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިއާއެކު ކޮވިޑް-19 ޖެހިގެން އެޤައުމުން މަރުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 172,115 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ހާލަތު މިހާރު އެންމެ ގޯސްވެފައިވާ އިންޑިއާއަކީ މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މިހާތަނަށް އެޤައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 12.3 މިލިއަން މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ 1.3 މިލިއަން މީހުންގެ ތެރެއިން 8900 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް އެތައް ހާސް ބަޔަކު އަލަށް ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން އެ ސްޓޭޓް މިހާރު އޮތީ ފުރަބަންދުވެސް ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 137 މިލިއަން މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 2.9 މިލިއަން މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު