އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން އެޤައުމުން ބޭލުން ފަސްކުރުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމަވާފައި ވަނީ ދާދިފަހުން އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑެން އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ފަސް ކުރުމަށް ނިންމާފައި ވަނީ، އެމެރިކާގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރަށް ޙަމަލާދީ ބިމާއި ހަމަކޮށްލި ޙާސިދާއަށް 20 އަހަރު ފުރޭ ދުވަހާއި ދިމާކޮށް ސިފައިން ބޭލުމަށްޓަކައެވެ. މީގެ ކުރިން ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ފެށުމަށް ހަމަޖެހިފައި އޮތީ އަންނަ މޭއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެންމެ ފުރަތަމަ ފޮނުވާފައި ވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2001 ވަނަ އަހަރު އެވެ. އެޤައުމުގެ ސިފައިން އަފްޣާނިސްތާނަށް ފޮނުވާފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާ އާއި ގުޅިގެން ނިރުބަވެރިން ހުއްޓުވުމަށް ކަމަށް ބުނެއެވެ. އޭގެފަހުން އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އަސްކަރީ މަރުކަޒުތައް ޤާއިމްކޮށް ޙަރަކާތްތެރިވަމުން ދެއެވެ.

ރިޕޯޓްތައް ބުނާގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް، ސެޕްޓެމްބަރު 11 އާއި ދިމާކޮށް ފެށުމަށް ބައިޑެން ނިންމެވީ، އެފަދަ ނިރުބަވެރި ޙަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޖަމާޢަތްތަކަށް އަންގައި ދިނުމުގެ ގޮތުންނެވެ.

ނަމަވެސް މި މަސައްކަތް ފެށިނަމަވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކި މަރުޙަލާތަކަށް ބަހައިގެންނެވެ.

މިވަގުތު އަފްޣާނިސްތާނުގައި އެމެރިކާގެ 2500 އެއްހައި ސިފައިން ޙަރަކާތްތެރިވަމުން ދެއެވެ. އަދި މީގެ ކުރިން އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި އެމެރިކާގެ ސަމާލަތީ ބާރުތަކުން ގިނަ އޮޕަރޭޝަންތައް ހިންގައި ނިރުބަވެރި ޖަމާޢަތްތަކާއި ހަނގުރާމަވެސް ކޮށްފައި ވެއެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާތީ އެޤައުމުގެ ހަމަޖެހުމާއި މިނިވަންކަން ގެއްލޭކަމަށް ދުނިޔޭގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އަފްޣާނިސްތާނުގެ އިތުރުން މެދުއިރުމަތީގައި ވެސް އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިން ޙަރަކާތްތެރިވަމުން ދެއެވެ.

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް ކަމަށް ބުނެ ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އިތުރުން، އިނގިރޭސިވިލާތުގެ ހާހެއްހައި ސިފައިންވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުސަން

    ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލީ ނިރުބުވެރިންނެއްނޫން
    ހުދު އިންސައިޑް ޖޮބެއް..މުސްލިމުން ބޮލުގައި އަޅުވައިގެން ދުނިޔެއަށް ބޭޒާރުކޮށް ޒާތީ ކުރަން..
    ދެން ތާލިބާނުންގެވާހަކަ ހަނގުރާމަ ކޮށް ތި ވަރުގަދަ އެމަރިކާ ބަލިވެފައި އޮތީ ތާލިބާނުން ކުރިމަތީގައި