އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ގަނޑުވަރެއް ހުންނަ ސަރަޙައްދެއްގައި ހަތިޔާރު ހިފައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމީހާ އަތުލައިގެންފައި ވަނީ އިނގިރޭސިވިލާތުގެ އިންގްލޭންޑުގައި ހުންނަ "ބަކިންހަމް ޕެލެސް" ކައިރިންނެވެ. މިއީ އިނގިރޭސި ރާނީ، އެލިޒަބަތް 2 އަދި ދާދިފަހުން އަވަހާރަވި އެކަމަނާގެ ފިރިކަލުން ޕްރިންސް ޕިލިޕް ދިރިއުޅުއްވާ ގަނޑުވަރެވެ.

ބަކިންހަމް ޕެލެސް ކައިރިން ހަތިޔާރާއެކު ހަރަކާތްތެރިވި މީހަކު ހައްޔަރުކުރުމާއި ގުޅިގެން އިނގިރޭސި ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ އޭނާ ހިފެހެއްޓީ އޭނާގެ ޙަރަކާތްތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށެވެ. އަދި އޭނާ ހިފެހެއްޓުމަށްފަހު ބަލައި ފާސްކުރިއިރު އޭނާގެ އަތުން ކޯރާޑިއެއް ފެނިފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާ އާއި ގުޅޭގޮތުން ނުވަތަ މައްސަލައިގައި ހައްޔަރުކުރި މީހާއާއި ގުޅޭގޮތުން އިދާރާތަކުން އަދި އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.

މި ހާދިސާ ހިނގިވަގުތު މަންޒަރުދުށް ފަރާތަކާއި ޙަވާލާދީ އިނގިރޭސި ނޫސްތަކުގައި ބުނެފައިވަނީ އޭނާގެ އަތުގައި ކޯރާޑިއެއް އޮތުމުން އޭނާ ހިފަހައްޓައި ގިނަ ޢަދަދެއްގެ ސަލާމަތީ ބާރުތަކުން އެސަރަޙައްދުގައި ޙަރަކާތްތެރިވި ކަމަށެވެ. އަދި އެވަގުތު ސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށްވެސް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އިނގިރޭސިވިލާތުގެ ސަލާމަތީ ބާރުތަކުން ވަނީ، ހާދިސާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އެކަން އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިފައެވެ. ނަމަވެސް މިއީ ޝާހީ ޢާއިލާގެ ބޭފުޅަކަށް ޙަމަލާއެއް ދިނުމަށް ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށް އަދި ނުބެލެވެއެވެ.

މި މައްސަލަ އާއި ގުޅިގެން، ޝާހީ އާއިލާގެ ބޭފުޅުންނަށް ނުރައްކާވާފަދަ ޢަމަލެއް ހިންގިކަމުގެ ތުހުމަތުކޮށް ފުލުހުން ވަނީ މި މައްސަލަ ތަހުޤީޤުކުރަން ފަށާފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާތަކަށް ރައްކާތެރިކަން ލިބިދިނުމުގެ އުސޫލުގައިވާ ގޮތުން، އެއްވެސް ޒާތެއްގެ ހަތިޔާރެއް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުން ދެވިދާނެފަދަ އެއްޗެއް އެޤައުމުގެ ޝާހީ ގަނޑުވަރެއް ހުންނަ ސަރަޙައްދެއްގައި ގެންގުޅުމަކީ ކުށެކެވެ. އަދި އެއީ އެޤައުމުގައި ޤާނޫނުން އަދަބުވެސް ކަނޑައެޅިފައިވާ ކުށެކެވެ.